ލާމަރުކަޒީ ނިޒާމަކީ ވަކި ބަޔަކު ގެނައި އެއްޗެއް ކަމަށް ބުނެ ވާހަކަ ދައްކަނީ އިންތިހާބު ކާމިޔާބު ކުރަން ވެގެން ކަމަށް ވިދާޅުވެ، އެމްޑީޕީއަށް ގާސިމް އިބްރާހިމް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ގާސިމްގެ ޕާޓީ ޖޭޕީއަށް މެންބަރުންތަކެއް ސޮއި ކުރަން ރޭ ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވީ ލާމަރުކަޒީ ނިޒާމެއްގެ ވާހަކަ ގާނޫނު އަސާސީގައި ލިޔެފައި ވަނީ ކޮން ބަޔަކު މަޖިލީހުގައި ތިބެގެންކަން ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމަށެވެ. އިސްލާހު ކުރި ފެހި ގާނޫނު އަސާސީ ވުޖޫދުކުރި މަޖިލީހުގައި ތިއްބެވި 122 މެންބަރުންގެ ތެރެއިން 84 މެންބަރުންނަކީ ރައީސް މައުމޫންގެ ފިކުރާ އެއްގޮތަށް ތިއްބެވި މެންބަރުން ކަމަށާ ލާމަރުކަޒީ ނިޒާމަކުން ރާއްޖެ ހިންގަން ގާނޫނު އަސާސީގައި ލިޔެވުނީ އެ މެންބަރުންގެ ވޯޓާއެކު ކަމަށެވެ.
ގާސިމް ވިދާޅުވީ އެކަމުގައި ރައީސް މައުމޫނަށް ހައްގު ކްރެޑިޓް ލިބެންޖެހޭނެ ކަމަށާ އެއީ ވަކި ބަޔަކު ގެނައި އެއްޗެއް ކަމަށް ބުނެ، ލާމަރުކަޒީ ނިޒާމް ދަންނަ ހަމައެކަނި ބަޔަކީ ތިމަންނާމެން ކަމަށް ބުނުމުގެ ހައްގު އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށެވެ.
"ރައީސް މައުމޫން ބޭނުންފުޅު ނުވިނަމަ އެ ދުވަހު ލާމަރުކަޒީ ނިޒާމުން ހިންގުމަށް ލިޔެވިގެން ދިޔައީސްތޯ ނުވަތަ މި ގާނޫނު އަސާސީގައި އެ ގޮތަށް ލިޔެވިގެން ދިޔައީސްތޯ، ނޫން ނުދިޔައީސް. އިހްލާސްތެރި ކަމާއެކު ތެދުވެރި ކަމާއެކު ބުނާ ބަހެއް ބުނަން ޖެހޭނީ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރާއްޖެއަށް ހެޔޮ ބަދަލުތައް ގެނައުމަށް ބޭރު ދުނިޔެ އާއި ދިވެހި ރައްޔިތުން ވެސް ސަރުކާރަށް ޕްރެޝަރު ކުރަމުން ދިޔަ ކަމަށާ އެހެން ކަމުން ގައުމަށް އައި ހެޔޮ ބަދަލުތަކަކީ ގިނަ ރައްޔިތުންތަކެއްގެ މަސައްކަތް ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަކީ ވަކި ބަޔަކު ގެނައި ނިޒާމެއް ކަަމަށް ބުނުމުގެ ޖާގަ އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށާއި އެ ނިޒާމުގެ ދަށުން ބަަޔަކު މިހާތަނަށް މާ މޮޅުކޮށް ކަމެއް ކޮށްދީފައިވެސް ނެތް ކަމަށެވެ.
ގާސިމް ވިދާޅުވީ ލާމަރުކަޒީ ނިޒާމެއްގެ މުހިންމުކަން ރައްޔިތުންނަށް ވިސްނަވައި ދެއްވުމުގައި ކުރީގެ ނާއިބު ރައީސް މުހައްމަދު ވަހީދުއްދީން، ތައުރީފު ހައްގު މަސައްކަތްޕުޅެއް ކުރެއްވި ކަމަށެވެ. އަދި އެފަދަ ހުރިހާ ބޭފުޅުންގެ މަސައްކަތްތައް ފޮރުވާ އިންތިހާބު ކާމިޔާބު ކުރަން ހަގީގަތެއް ނެތް ވާހަކަތައް އެމްޑީޕީން ނުދެއްކުމަށް ގާސިމް ރޭ ގޮވާލެއްވި އެވެ.