މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރެއްވި އަލްހާން ފަހުމީ އެ ޕާޓީން ވަކިވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އަލްހާން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން އޭނާ ވާދަކުރެއްވި ނަމަވެސް ޖޭޕީގެ މެންބަރަކަށްވާތީ ބައެއް މީހުން އޭނާގެ ސިޔާސީ ވިސްނުމާ މެދު ސުވާލު އުފައްދަމުން ގެންދާ ކަމަށެވެ.
އަމިއްލަ ގޮތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާއިރު ވަކި ސިޔާސީ ޕާޓީއެއްގައި މި ވަގުތު ހުރުމަކީ އޭނާގެ ސިޔާސީ މިނިވަންކަމާ މެދު ވެސް ސުވާލު އުފެއްދުމުގެ ފުރުސަތު އޮތް ކަމަކަށް ވާތީ ޖޭޕީގެ މެންބަރު ކަމުން އިސްތިއުފާ ދީފައިވާ ކަމަށް އަލްހާންގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ޑީއާރުޕީން ސިޔާސީ ހަޔާތް ފެއްޓެވި އަލްހާން ވަނީ 2009 ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ފޭދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. އޭގެ ފަހުން ކުލަގަދަ ޖަލްސާއެއްގައި އޭރު ވެރިކަން ކުރާ އެމްޑީޕީއާ އޭނާ ގުޅިވަޑައިގެންނެވި އެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީއާ ގުޅިގަތުމަށް ފަހުގައި އިންތިހާބުގެ ދެވަނަ ބުރަށް އައުމުން އަނެއްކާ ވެސް އެމްޑީޕިއާ ގުޅިވަޑައިގެންނެވި އެވެ. 2014 ގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި ނާކާމިޔާބުވުމުން ފަހުން އޭނާ އަމިއްލަ ގޮތުން އެ އިންތިހާބުގައި ވާދަކުރެއްވީ އެވެ.
އެ މައްސަލައާ ގުޅިގެން އެމްޑީޕީން އޭނާ ވަކި ކުރީ އެވެ. އޭގެ ފަހުން ޕާޓީއަކާ ގުޅިވަޑައިނުގެން ގިނަ ދުވަސްތަކެއް ހުންނެވުމަށް ފަހު 2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރު ވެރިކަން ކުރާ ޕީޕީއެމްއާ ގުޅިވަޑައިގަތެވެ. އެކަމަކު ޕީޕީއެމްއަށް އިންތިހާބު ނާކާމިޔާބު ވުމުން ފަހުން އެ ޕާޓީން ވެސް ވަކިވެ، ޖޭޕީއާ ގުޅިވަޑައިގަތީ އެވެ.