ކޮރޯނާ ވައިރަހާއެކު ރާއްޖޭގެ ހާލަތު ބަދަލުވެފައިވާ ގޮތުން މިވަގުތު ކެމްޕޭނުގެ އެއްވުންތައް ހުއްޓާލަން މާލޭ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ އަލްހާން ފަހުމީ ނިންމަވައިފި އެވެ.
އަލްހާން މިރޭ ވިދާޅުވީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން އޭނާގެ ކެމްޕޭނުގައި އެއްވެސް ޢާންމު އެއްވުމެއް ނުބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެ ގޮތަށް ނިންމެވުމާއެކު އޭނާގެ ކެމްޕޭން ލޯންޗިން ބާއްވާނީ ކެމްޕޭން އޮފީހުގައި ރަސްމީ މީޑިއާ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.
ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގެ ހާލަތު ބަދަލުވެފައިވާތީ ސިޔާސީ ޕާޓީތަކުން ވެސް ގެންދަނީ މިވަގުތަށް ކެމްޕޭން ކުރުން ހުއްޓާލައި ދަތުރުތައް ވެސް ކުރުކޮށްލަމުންނެވެ.