ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޯލިޝަން އޮތަސް ކައުންސިލްތަކަށް ބޭނުމީ ހަމަ އެމްޑީޕީ: ރައީސް

ސަރުކާރު ހިންގަމުން ދަނީ ކޯލިޝަނަކުން ކަމުގައިވީ ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކައުންސިލްތައް ހިންގުމަށް ބޭނުން ވަނީ ހަމަ އެމްޑީޕީގެ ކެންޑިޑޭޓުން އިންތިހާބު ކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވި އެވެ.

ރ. އަތޮޅުގެ އެމްޑީޕީގެ ކެންޑިޑޭޓުން މާލޭގެ ދަރުބާރުގޭގައި ކުރިއަށް ގެންދާ ކެމްޕޭން ބައްދަލުވުމުގައި ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރެވޭނީ އެމްޑީޕީއަށް ކަމަށެވެ. އެހެންކަމުން ކޯލިޝަން އޮތް ނަމަވެސް ކައުންސިލް އިންތިހާބުގައި ސީދާ އެމްޑީޕީއަށް އަޣުލަބިއްޔަތު ލިބެން ޖެހޭ ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ވެރިކަމަށް ހޮވީ ކޯލިޝަނެއްގެ ތެރެއިން. އެހެން ނަމަވެސް މި ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރަން ބޭނުން ކަމަށް ވަންޏާ އެމްޑީޕީއަށް އެބަ ޖެހޭ ކައުންސިލްތަކުގެ މެޖޯރިޓީ ހޯދައި ދޭން،" އެމްޑީޕީގެ އިސް ލީޑަރު، ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވަކިން ނުކުމެ ކައުންސިލްތަކުގެ މެޖޯރިޓީ ހޯދުމަށް ކުރާ މަސައްކަތަކީ ވެރިކަމަށް ކޯލިޝަނުން އަންނަ ކުރި މަސައްކަތަށް ފުށު އަރާ ކަމެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ކޯލިޝަން ހަދައިގެން ވެރިކަމަށް އަންނަން މަސައްކަތް ކުރިއިރުގައި ގައުމު އޮތް ހާލަތު ކޮންމެ ރައްޔިތަކަށް ވެސް ސާފުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭރުގެ ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަނާއި، ޖުޑިޝަރީ އޮތް ހާލަތާއި، ތައުލީމާއި ސިއްހީ ދާއިރާ އަދި ބޯހިޔާވަހިކަމުގެ މައްސަލަތައް ގޮސްފައިވާ ހިސާބަކީ އެންމެނަށް އެނގޭ ހަގީގަތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެން ޕާޓީތަކާއި ކޯލީޝަން ހަދައިގެން އެމްޑީޕީ ސަރުކާރަށް އައުމަށް ފަހުގައި، ފަހަރަކު ކަމެއް ރަނގަޅު ކުރެވެމުން އަންނަ ކަމަށް ރައީސް ސޯލިހް ވިދަޅުވި އެވެ. ޝަރުއީ ދާއިރާއަށް ގެނެވުނު ހެޔޮ ބަދަލާއި އެ ބަދަލުގެ ސަބަބުން ހެޔޮ ނަތީޖާތައް ވެސް ނެރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ލާމަރުކަޒީ ނިޒާމު އިސްލާހުކޮށް ކައުންސިލްތަކަށް މިހާރު ދޫކޮށްފައިވާ ބާރުތަކަކީ ވެސް މީގެ ކުރިން އެއްވެސް ސަރުކާރަކުން ކުރި ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ގޮތަށް ނިންމެވީ، އެމަނިކުފާނަކީ ރައްޔިތުންގެ ހާދިމަކަށް ވާތީވެ ރައްޔިތުންނަށް ބާރުތައް ދޫކޮށްލަން ޖެހޭ ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.

މީގެ ކުރިން ވެސް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެން ވާހަކަ ދައްކަވާފައިވެ އެވެ. އެކަމަކު ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތައް އޮތް ކަން ފާހަގަ ކުރައްވައި، ކޯލިޝަން އޮތަސް ސީދާ އެމްޑީޕީގެ ކެންޑިޑޭޓުން އިންތިހާބު ކުރުމަށް ރައީސް ވިދާޅުވި މިއީ ފުރަތަމަ ފަހަރެވެ.

ސަރުކާރު ކޯލީޝަންގައި ހިމެނޭ އެމްޑީޕީން 876 ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރެ އެވެ. ޖުމްހޫރީ ޕާޓީން ވާދަކުރާނީ 127 ކެންޑިޑޭޓުންނެވެ. އާދަލަތު ޕާޓީން ވާދަކުރަނީ 30 ކެންޑިޑޭޓުންނެވެ. އެމްއާރުއެމް އިން ވާދަކުރަނީ 16 ކެންޑިޑޭޓުންނެވެ. މި އިން ކޮންމެ ޕާޓީއަކުން ވެސް ވާދަކުރަނީ ވަކިވަކިންނެވެ.