އައްޑޫ ސިޓީގެ ލިންކް ރޯޑުގެ ޖާގަ ފުޅާކޮށް ދެ ފުރޮޅުލީ އުޅަނދު ދުއްވަން ވަކި ހާއްސަ ލޭނެއް ހަދަން އޮޑިޓާ ޖެނަރަލް އޮފީހުން ލަފާ ދީފި އެވެ.
އައްޑޫ ލިންކު ރޯޑުގައި ހިނގާ އެކްސިޑެންޓުތަކާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ހެދި ޕާފޯމަންސް ރިވިއު ރިޕޯޓުގައި ބުނެފައި ވަނީ އެ މަގުގައި ގިނަ އެކްސިޑެންތުތައް ހިނގާފައި ވަނީ ބާރަށް ދުއްވައިގެން ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށާއި ނަމަވެސް ކާރާއި ސައިކަލާއި އަދި ޕިކަޕު އެއް ލޭނެއްގައި ދުއްވަން ޖެހޭތީ ނުރައްކާތެރި އެކްސިޑެންޓު ހިނގަން މަގުފަހިވެފައިވާ ކަމަށެވެ. އެހެންކަމުން ލިންކް ރޯޑުގެ ޖަގަ އިތުރުކޮށް ދެ ފުރޮޅުލީ އުޅަނދުތަކަށް ވަކި ހާއްސަ ލޭނެއް ކަނޑައެޅުމަށް ދަންނަވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން އައްޑޫގެ ގިނަ ރައްޔިތުން ލިންކު ރޯޑުގައި ކަސްރަތު ކުރުމާއި ހިނގުމާއި ދުވުމަށް ބޭނުން ކުރުން އިތުރުވެފައިވީ ނަމަވެސް އެ މަގުގައި ޕޭމަންޓެއް ނެތުމުން އެކްސިޑެންޓުތަކަށް މަގުފަހިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އައްޑޫގައި ގެސްޓްހައުސް ވިޔަފާރި ފުޅާވެ ފަތުރުވެރިން ރަށު ތެރޭ އުޅޭ މިންވަރު ގިނަވުމުން ބައިސްކަލު ދުއްވުމަށާއި ހިނގުމަށް ވަކި ތަނެއް ނެތުމުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ލިންކު ރޯޑުގައި ގިނަ ލެނބުންތައް ހުންނައިރު ގިނަ ނުރައްކާތެރި ހާދިސާތައް ހިނގާފައި ވަނީ އެ ސަރަހައްދުތަކުގައި ކަމަށެވެ. ނަމަވެސް އެކަން ހައްލު ކުރުމަށް ލެނބުން ހުންނަ ސަރަހައްދުތަކުގައި ދުވެލި މަތަ ހަރުކޮށްފައި ނުވާ ކަމަށާއި ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަށް އަންގައިދޭ ބޯޑެއް ވެސް ހަރުކޮށްފައި ނުވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ލިންކު ރޯޑުގައި އާންމުކޮށް އެކްސިޑެންޓު ހިނގާ ސަރަހައްދުތައް
- ބީއެމްއެލް ކައިރި ލެނބުން
- ސްޓޭޑިއަމް ކައިރި ލެނބުން
- ސްލިޕްވޭ ލެނބުން
- މަރަދޫ ސްކޫލު ކައިރި ލެނބުން
- މަރަދޫފޭދޫ ހަތަރު އަނގޮޅި ކަންމަތި
- ކޮންވެންޝަން ސެންޓަރުގެ އުތުރާއި ދެކުނު ގުޅޭ ހިސާބު
- ޕޯޓުގެ ދެކުނުކޮޅު
- ކުނިކޮށި ހުރި ސަރަހައްދު
- ގައުކެނޑި ބްރިޖު
- މަރަދޫ ހަންކެޑެ ޖަންޝަން ބްރިޖު
- ފޭދޫ - ގަން ބްރިޖު އަދި ޖަންޝަން
އެކްސިޑެންޓުތައް މަދު ކުރުމަށް އެ ރިޕޯޓުގައި ގިނަ ކަންކަން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ލިންކު ރޯޑުގައި ހުރި ވަޅުގަނޑުތައް ރަނގަޅު ކުރުމާއި މަގު ބައްތި ހަރުކުރުން ހިމެނެ އެވެ. އަދި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ޓްރެފިކް ސްޕީޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވެސް ވަނީ ލަފާދީފަ އެވެ. ލިންކު ރޯޑުގެ ޓްރެފިކް ބެލެހެއްޓުން ވެސް އެކަށީގެންވާ ފެންވަރެއްގައި ދެމެހެއްޓެނިވި ގޮތަކަށް ކުރިޔަށް ނުދާ ކަމަށާއި އެކަންކަން ވެސް އިސްލާހު ކުރަން ވަނީ ލަފާދީފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން 2010 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމަޔަށް ލިންކު ރޯޑުގައި 91 އެކްސިޑެންޓު ވަނީ ހިނގައިފަ އެވެ. އަދި 2013 އިން ފެށިގެން މިދިޔަ އަހަރާ ހަމަޔަށް 19 މީހުން ވަނީ މަރުވެފަ އެވެ.
އެކްސިޑެންޓުތަކާ ގުޅިގެން ބަލި މީހުން ފޮނުވުމަށް 2014 އިން ފެށިގެން މިދިޔަ އަހަރާ ހަމަޔަށް 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ބައެއް އެކްސިޑެންޓުތަކާ ގުޅިގެން ފްލައިޓު ޗާޓާ ކުރުމަށް ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.