މާދަމާ ރޭ މެންދަމު 00:00 ގައި މުޅި ރާއްޖޭގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 22:07 ފެށިގެން މެންދަމު 02:12 އާ ދެމެދު ފުރިހަމަ ހަނދުކޭތައެއް ހިފާނެއެވެ. ހަނދުކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމު 00:10 ގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ހަނދުކޭތަ ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ ހުކުރު ދުވަހުގެ މެންދަމު 00:00 ގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށެވެ. ކޭތަ ނަމާދު ކުރުން އޮންނާނީ ކޮންމެ ރަށެއްގެވެސް އެންމެ ބޮޑު މިސްކިތުގައެވެ.
މާލެ ސިޓީގައި ކޭތަނަމާދު ކުރާނީ އިސްލާމި މަރުކަޒު، މަސްޖިދުލް ބިއްރި (ވިލިގިލި) އަދި މަސްޖިދުއް ޝައިޚް ގާސިމް ބިން މުހައްމަދު އާލް ޘާނީ(ހުޅުމާލެ) ގައި ކަމަށެވެ.
ކޭތަހިފަނީ މީހަކު މަރުވުމަކުން ނުވަތަ މީހަކު އުފަންވުމަކުން ނޫން ކަމަށާ ކޭތަ ފެނުމުން، ކޭތަ ވީއްލަންދެން ﷲ އަށް ދުއާކޮށް، ނަމާދު ކުރުމަށް އިސްލާމްދީނުގައި ވަނީ އަންގަވާފައެވެ.