ހަބަރު

ރައްކާތެރިވޭ: ނައްތާލާފައިވާ ހިމަބިހި ރާއްޖެއިން ފެނިއްޖެ

ދޮޅު އަހަރަށްފަހު ރާއްޖެއިން އަނެއްކާވެސް ހިމަބިހި ފެނިފައިވާ ކަމަށް ވިދާޅުވެ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް، އެކަން އާންމުންގެ ސަމާލު ކަމަށް ގެންނަވައިފި އެވެ. ހިމަބިހި ރާއްޖެއިން ނައްތާލައިފައިވާތީ އެކަން ރަސްމީކޮށް ހާމަކޮށްފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

ޑރ. އަހުމަދު ފައިސަލް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ދޮޅު އަހަރަށްފަހު ރާއްޖޭންވެސް ހިމަބިހި ފެނިފައިވާ ކަމަށެވެ. އެހެން ކަމުން ބެލެނިވެރިން އެކަމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.

ފައިސަލް ވިދާޅުވީ ހަނދާންނެތިގެންވެސް ކުޑަކުދިންނަށް ވެކްސިނެއް ނުޖެހިވާނަމަ އަވަހަށް ޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވެކްސިން ނުޖަހާ ހުއްޓާ އޭގެން ރައްކާތެރިކޮށްދޭ ބައްޔެއް ޖެހިއްޖެނަމަ ކޮންޓުރޯލް ކުރެވޭނޭ ގޮތްތައް ރާއްޖޭގައިވެސް މަދުވާނެ ކަމަށެވެ. މި ބަލި ފެނިފައިވަނީ މި އަހަރުގެ ތެރޭގައެވެ.

ދޮޅު އަހަރަށްފަހު ރާއްޖޭންވެސް ހިމަބިހި ފެނިއްޖެ. ދަރިފުޅުގެ ވެކްސިން ކާޑު ޗެކް ކުރަށްވާ. ހަނދާންނެތިގެންވެސް ނުޖެހި ހުރި ވެކްސިންތައް ހަމަކުރައްވާ! ވެކްސިން ނުޖަހާ ހުއްޓާ އޭގެން ރައްކާތެރިކޮށްދޭ ބައްޔެއް ޖެހިއްޖެނަމަ އެ ކޮންޓުރޯލްކުރެވޭނޭގޮތްތައް ރާއްޖޭގައިވެސް މަދުވާނެ
ޑރ. އަހުމަދު ފައިސަލް | އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު

ޑރ. ފައިސަލް ވިދާޅުވީ ހިމަބިހި ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ 2 ޑޯޒް ހަމަކޮށްފައި ހުރުން ކަމަށެވެ.

ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް އެއް ގަޑިއިރުވަންދެން އެ ވައިރަސް އެތަނުގައި ހުންނަ ކަމަށާ އަދި އެތަނަށް އަންނަ އެހެން މީހުންނަށް އެ ބަލި ޖެހޭނެ ކަމަށެވެ.

ހިމަބިހި ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ 2 ޑޯޒް ހަމަކޮށްފައި ހުރުން. ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް އެއް ގަޑިއިރު ވަންދެން އެ ވައިރަސް އެތަނުގައިހުރޭ. އަދި އެތަނަށް އަންނަ އެހެންމީހުންނަށް ޖެހޭނެ
ޑރ. އަހުމަދު ފައިސަލް | އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު

ޑރ. ފައިސަލް މިކަން އާންމުންގެ ސަލާމު ކަމަށް ގެނެސްފައިވަނީ ހިމަބިހި ޖެހިގެން ކޮންގޯއިން 6،000 ވުރެ ގިނަ ކުޑަކުދިން މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފައިވާ މައުލޫމާތުތަކެއްގައި ބުނެފައިވާތީ އެކަމާއި ގުޅޭގޮތުން ބީބީސީއިން ގެނެސްދިން ހަބަރެއް ހިއްސާ ކުރަމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ބައްޔެއްގައި އަހަރަކު 134000 މީހުން މަރުވާ މީސުލްސް (ހިމަބިހި) ރާއްޖެއިން ނައްތާލާފައިވާތީ އެކަމުގެ އެވޯޑް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ރާއްޖެއަށް ދީފައިވަނީ ސެޕްޓެންބަރު 7، 2017 ގައެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވަނީ ޖޫން 2017 ގައެވެ. ޑަބްލިއުއެޗްއޯއިން އެގޮތަށް ކަނޑައެޅީ އެ ބަލި ރާއްޖޭގައި ގައިން ގަޔަށް އެރުން ހުއްޓުވާފައިވުމާއި 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މީހަކަށްއެބަލި ޖެހިފައި ނުވާތީ އެވެ.

ހިމަ ބިއްސަކީ ވެކްސިންގެ އެހީގައި ރައްކާތެރިވެވޭ ބައްޔެކެވެ. އެ ބަލިން ދިފާއުވާ ވެކްސިން ރާއްޖޭގައި ދޭން ފަށާފައި ވަނީ 1979 ވަނަ އަހަރު އެވެ.

މީސަލްސްގެ އަލާމާތްތައް އެ ބަލި ޖެހޭތާ 10 ދުވަސް ފަހުން ފެންނަން ފަށާއިރު އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކަންފަތުގެ އިންފެކްޝަން، ނިއުމޯނިއާ، ފުއްޕާމޭގެ އިންފެކްޝަން، ސިކުނޑިއަށް އަސަރުކުރުން، ލޯ އަނދިރިވުން، ގިނަ ދުވަހަށް ބޭރަށް ހިންގުމެވެ.