ތިން މީހުނާއެކު ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް ފަރަކަށް އުރި، އެ ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަމުންދާއިރު، އެ ދޯނި އުރިފައިވާ ސަރަހައްދުން ވަޅިއެއް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ތިން މީހުންނާއެކު މުދާ އުފުލި ދޯންޏެއް އުރުނީ ކ. ކަގި ފަރަށެވެ. މި ހާދިސާއާއި ގުޅިގެން ވަރަށް ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.
އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ މުދާ އުފުލާ އެ ދޯނި އުރިފައިވާ ސަރަހައްދާ ކައިރި ފަރުގެ އަޑިން ތުވާއްޔަކާއި، ވަޅި އެެއް ފެނިފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވި ގޮތުގައި ވަޅި ފެނިފައިވަނީ ފަރުގެ 41 މީޓަރު އަޑިންނެވެ. އަދި ތުވާލި ފެނިފައިވަނީ 48 މީޓަރު އަޑީގައި އޮއްވައެވެ. ވަޅި ފެނިފައިވަނީ ޑަސްބިން ކޮތަޅަކަށް ލާފައި އޮއްވައެވެ.
ނަމަވެސް މި ތަކެއްޗާ ކައްޕި ގެއްލުނު ހާދިސާއާއި އޮތީ ކިހާވަރެއްގެ ގުޅުމެއް ކަމަށް އާޒިމް ވިދާޅެއް ނުވެއެވެ.
އާޒިމް ވިދާޅުވީ އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލް ހާމަކުރެވޭނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށެވެ.
ޖެނުއަރީ ހަވަނަ ދުވަހު ހިނގި ހާދިސާގައި ދޯނި ފަރައް އަރާފައިވަނީ ކީއްވެގެން ކަމެއްވެސް އަދި އެނގިފައެއް ނުވެއެވެ. "ޓީޓީއެސް ފާނަ" ދޯނި އުރުނުއިރު އޭގައި ތިބީ ކައްޕި މުހައްމަދު ޔޫސުފްގެ އިތުރުން ބަގްލަދޭޝްގެ ދެ މީހެކެވެ.
އެ ދެ މީހުން ސިފައިންނަށް ފުރަތަމަ އެންގީ ކައްޕި ގެއްލިގެންނެވެ. ދޯނި ފަރަށް އަރާފައިވާ ކަމަކަށް އޭރު ނުބުނެއެވެ. ދޯނި ފަރަށް އަރާފައިވާކަން އެނގުނީ ސިފައިން އެ ސަރަހައްދަށް ދިއުމުންނެވެ.
ފުރަތަމަ ބެލެވުނީ ދޯނި ފަރަށް އެރުމުގެ ކުރިން ކައްޕި ގެއްލުނީ ކަމަށެވެ. ނަމަވެސް "ޓީޓީއެސް ފާނަ" ދޯނި ފަރަށް އަރާފައި ވަނިކޮށް އެ ދޯންޏަށް އެހީވުމަށް އިތުރު ބަޔަކު ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އޭރު އެ ދޯނީގައި ތިން މީހުން ތިއްބެވެ. އެ މަންޒަރުތައް ފެންނަ ފޮޓޯތައްވެސް ވަނީ އާންމުވެފައެވެ.
"ޓީޓީއެސް ފާނަ" ދޯނި ކައިރިއަށް އެހީތެރިވާން ދިޔަ ލޯންޗު އެ ސަރަހައްދުން ދިޔައީ ސިފައިންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށާ ކޯސްޓްގާޑް މިހާރު އެ ދޯންޏަށް އެހީވުމަށް އަންނަ ކަމަށް އެ މީހުން ބުނުމުންނެވެ. އަދި އެއްވެސް އެހީތެރިކަމެއް އެ ވަގުތު ބޭނުން ނުވާ ކަމަށްވެސް ބުނުމުންނެވެ.
ކައްޕި ހޯދުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ދަނީ އެ ސަރަހައްދު ކަނޑާއި ވައިގެ މަގުން ބަލަމުންނެވެ. މިހާތަނަށް ގެއްލިފައިވާ މީހާގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް ސިފައިން ވަނީ ބުނެފައެވެ.