ކަނޑުމަތީގެ ހާދިސާ

ކައްޕި ގެއްލުން: ފެނުނު ތުވާލީގައި ލޭގެ އަސަރު؟

މިދިޔަ ހޯމަ ދުވަހު ފަރަށްއެރި މުދާ އުފުލާ ދޯނިން ގެއްލުނު ކައްޕި ހޯދުމަށް ސިފައިން ކުރަމުން ގެންދާ މަސައްކަތުން މިއަދު ވަނީ އެ ދޯނި ފަރަށް އަރާފައިވާ ސަރަހައްދުން ބައެއް ތަކެތި ފެނިފައެވެ. އޭގެ ތެރޭގައި ވަޅިއަކާއި، ތުވާޔެއްގެ އިތުުރުން ކަރަންޓް ބައެއް ސާމާނުވެސް ހިމެނެއެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ މުދާ އުފުލާ އެ ދޯނި އުރިފައިވާ ސަރަހައްދާ ކައިރި ފަރުގެ އަޑިން ވަޅި ފެނިފައިވަނީ ފަރުގެ 41 މީޓަރު އަޑިންނެވެ. އަދި ތުވާލި ފެނިފައިވަނީ 48 މީޓަރު އަޑީގައި އޮއްވައެވެ. މީގެ އިތުރުން ކަރަންޓް ބައެއް ސާމާނުވެސް ފެނިފައިވާ ކަމަށެވެ. -ފެނުނު ކަރަންޓް ސަމާނާ ގުޅޭ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.-

އެނގިފައިވާ ގޮތުގައި ފެނުނު ތުވާލިން ވަނީ ލޭގެ އަސަރު ފެނިފައެވެ. އެކަމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން މޭޖާ އާޒިމް ވިދާޅުވީ އެ ސުވާލުތަކަށް ޖަވާބު ލިބިގެންދާނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށެވެ.

ޖެނުއަރީ ހަވަނަ ދުވަހު ހިނގި ހާދިސާގައި ދޯނި ފަރައް އަރާފައިވަނީ ކީއްވެގެން ކަމެއްވެސް އަދި އެނގިފައެއް ނުވެއެވެ. "ޓީޓީއެސް ފާނަ" ދޯނި އުރުނުއިރު އޭގައި ތިބީ ކައްޕި މުހައްމަދު ޔޫސުފްގެ އިތުރުން ބަގްލަދޭޝްގެ ދެ މީހެކެވެ.

އެ ދެ މީހުން ސިފައިންނަށް ފުރަތަމަ އެންގީ ކައްޕި ގެއްލިގެންނެވެ. ދޯނި ފަރަށް އަރާފައިވާ ކަމަކަށް އޭރު ނުބުނެއެވެ. ދޯނި ފަރަށް އަރާފައިވާކަން އެނގުނީ ސިފައިން އެ ސަރަހައްދަށް ދިއުމުންނެވެ.

ފުރަތަމަ ބެލެވުނީ ދޯނި ފަރަށް އެރުމުގެ ކުރިން ކައްޕި ގެއްލުނީ ކަމަށެވެ. ނަމަވެސް "ޓީޓީއެސް ފާނަ" ދޯނި ފަރަށް އަރާފައި ވަނިކޮށް އެ ދޯންޏަށް އެހީވުމަށް އިތުރު ބަޔަކު ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އޭރު އެ ދޯނީގައި ތިން މީހުން ތިއްބެވެ. އެ މަންޒަރުތައް ފެންނަ ފޮޓޯތައްވެސް ވަނީ އާންމުވެފައެވެ.

"ޓީޓީއެސް ފާނަ" ދޯނި ކައިރިއަށް އެހީތެރިވާން ދިޔަ ލޯންޗު އެ ސަރަހައްދުން ދިޔައީ ސިފައިންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށާ ކޯސްޓްގާޑް މިހާރު އެ ދޯންޏަށް އެހީވުމަށް އަންނަ ކަމަށް އެ މީހުން ބުނުމުންނެވެ. އަދި އެއްވެސް އެހީތެރިކަމެއް އެ ވަގުތު ބޭނުން ނުވާ ކަމަށްވެސް ބުނުމުންނެވެ.