މާލޭ ސިޓީ ކައުންސިލް

އެގާރަ ޕާކިން ޒޯން ހަދައިފިން: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީގައި ދުއްވާ ވެހިކަލްތައް ޕާކްކުރުމަށް މިހާތަނަށް 11 ޕާކިން ޒޯންގެ މަސައްކަތް ނިންމާ އެތަންތަނުގައި މިހާރު ވެހިކަލްތައް ޕާކް ކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ވެރިރަށް މާލެއަކީ ވެހިކަލްތަކުން ފުރިފައިވާ ސިޓީއެކެވެ. އެތައް ހާސް ވެހިކަލެއް މާލޭގައި ދުއްވަމުންދާއިރު އެކަށީގެންވާ ޕާކިން ނިޒާމެއް ގާއިމުކުރެވިފައެއް ނުވެއެވެ. އަދި ގަވާއިދާ ހިލާފަށް ޕާކްކުރުމުން ވެހިކަލްތަކުގައި ސްޓިކާޖަހާ ބޮޑެތި އަދަދުތަކުން ދަނީ ޖޫރިމަނާ ކުރަމުންނެވެ.

އެކަމާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޕާކްކުރާނެ ތަނެއް ނުދައްކާ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ ސްޓިކާ ޖަހާ ޖޫރިމަނާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ މިދިޔަ 2019 ވަނަ އަހަރުން ފެށިގެން މިއަދުގެ ނިޔަލަށް 11 ސަރަހައްދެއްގައި ޕާކު ކުރެވޭނެ ތަންތަން ހަދާފައިވާ ކަމަށެވެ. އެ ތަންތަނަކީ އެއް ފަހަރާ 80 ނުވަތަ 400 ވެހިކަލްއަށް ޕާކް ކުރެވޭނެ ފަދަ ތަންތަނެވެ.

ސިޓީ ކައުންސިލުން ބުނީ ކުރިއަށް އޮތްތާވެސް ޕާކްކުރާނެ އިތުރު ތަންތަން ހެދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ސައިކަލް، ޕިކަޕް، ކާރު، ވޭން އަދި ހެވީ ވެހިކަލްތަކުން ފުރިފައިވާ މާލޭގައި ރަނގަޅު ޕާކިން ނިޒާމެއް ގާއިމްކުރުމަށް މިދިޔަ އަހަރުތަކުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. އަދި ކޮންމެ އަހަރަކު އެތައް ސަތޭކަ ވެހިކަލަކަށް އަލަށް ހުއްދަ ދެމުންދާއިރު އެކަންކަން ކޮންޓްރޯލް ކުރުމަށްވެސް ހާއްސަ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.

ގަވާއިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ސްޓިކާ ޖަހައިގެން ދައުލަތަށް ކޮންމެ މަހަކު އެތައް ލައްކަ ރުފިޔާއެއް ހޯދަމުންދާއިރު، ޕާކް ކުރާނެ ތަނެއް ނުދައްކާ ޖޫރިމަނާ ނުކުރާނެ ކަމަށް މި ސަރުކާރުން ވަނީ ވައުދުވެފައެވެ.

ނަމަވެސް ވެރިކަމަށް އައިސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ ވެހިކަލްތަކުގައި ސްޓިކާ ޖަހަން ފަށާފައެވެ.