ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިއުޓީ ފްރީއިން ދިވެހިން އުފައްދާ ތަކެއްޗަށް ހާއްސަ ބައެއް ކަނޑައަޅައިފި އެވެ.
ވީއައިއޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި އުފެއްދުންތަކަށް ހާއްސަ ފިހާރަ ޑިއުޓީ ފްރީގައި ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހުގެ އިތުރުން އެ ކުންފުނީގެ އޮފިޝަލުން ބައިވެރިވި އެވެ.
"އޮތެންޓިކް މޯލްޑިވްސް" ގެ ނަމުގައި މި ފިހާރަ ހުޅުވާފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމެއްގެ ދަށުންނެވެ. އެ މިނިސްޓްރީން ވަނީ މިދިޔަ އަހަރު ދިވެހި އުފެއްދުންތަކަށް ހާއްސަކޮށް "ފަންނު އެކްސްޕޯ" ގެ ނަމުގައި މައުރަޒެއް ބާއްވައި، އެންމެ ފާހަގަ ކުރެވޭ ތަކެއްޗަށް ޖާގަ ޑިއުޓީ ފްރީއިން ޖާގަ ލިބޭނެ ކަމަށް ބުނެފަ އެވެ.
އެމްއޭސީއެލް ވަނީ އެއާޕޯޓް ވޯޓާ ފްރަންޓް ރެސްޓޯރެންޓް ކައިރީގައި ހާއްސަ މަރުރަޒެއް ފަށާފަ އެވެ. "ސުވެނިއާ ސަފާރީ" ގެ ނަމުގައި ބާއްވާ މި މައުރަޒުގައި ވެސް ދައްކާލަން ބަހައްޓާފައި ވަނީ ދިވެހި އުފެއްދުންތަކެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ މި ފިހާރާގައި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ދިވެހި އުފެއްދުތައް ލިބެން ހުންނާނެ ކަމަށާ، މީގެ އިތުރުން ދިވެހި ފަންނު ވެރިންގެ އުފެއްދުންތަކަށް އެއާޕޯޓުގައި ސިލްސިލާ "މަރުޒަރު" ތަކެއް ބާއްވަން ވެސް ފަށާފައިވާ ކަމަށެވެ.
"ފުރަތަމަ މި ބޭއްވީ ވިމެން އެންޓްރަޕްރެނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން. އެ ޖަމިއްޔާގެ މެންބަރުން ތައްޔާރު ކުރާ އުފެއްދުންތައް ވިއްކުމަށް ހާއްސަކޮށް. މީގެ އިތުރުން ވެސް އެހެން ޖަމިއްޔާ ތަކަށް ފުރުސަތު ލިބިގެންދާނެ،" ހަސަން ވިދާޅުވި އެވެ.