ދުނިޔެ

އޮމާންގެ ރަސްގެފާނު ގަބޫސް ބިން ސާއިދު އަވަހާރަވެއްޖެ

އަރަބި ދުނިޔޭގައި އެންމެ ދުވަސްވީ ލީޑަރު، އޮމާންގެ ރަސްގެފާނު ސުލްތާން ގަބޫސް ބިން ސާއިދު އަވަހާރަވެއްޖެ އެވެ.

އޮމާންގެ ޝާހީ ގަނޑުވަރުން މިއަދު ބުނީ އުމުރުން 79 އަހަރުގައި ގަބޫސް އަވަހާރަވެފައި ވަނީ ހުކުރު ދުވަހު ކަމަށެވެ.

އަދި އެކަމާ ގުޅިގެން ތިން ދުވަހުގެ މުއްދަތަކަށް ގައުމީ ހިތާމަ ފާޅު ކުރުން ވަނީ އިއުލާންކޮށްފައިވާއިރު އަދި 40 ދުވަސް ވަންދެން އެ ގައުމުގެ ދިދަ ބައި ދަނޑިއަށް ތިރިކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

އާލާސްކަންފުޅަށް ބެލްޖިއަމްގައި ބޭސްފަރުވާ ހޯދުމަށް ފަހު ސުލްތާން ގަބޫސް އެންބުރި އޮމާންއަށް ވަޑައިގެންނެވީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭރު އެމަނިކުފާނަށް ކެންސަރު ޖެހިފައިވާ ކަމަށް ބައެއް ފަރާތްތަކުން ރިޕޯޓު ކުރި އެވެ.

ސުލްތާން ގަބޫސްއަކީ ކައިވެންޏެއް ބައްލަވައިގެންފައި ހުރި ބޭފުޅެއް ނޫނެވެ. އޮމާންގެ ރޯޔަލް ފެމެލީ ކައުންސިލްގައި 50 މެންބަރުން ތިއްބަވަ އެވެ. އަދި ކުރިޔަށް އޮތް ތިން ދުވަސް ތެރޭގައި އާ ލީޑަރަކު ހޮވާނެ އެވެ.

އޮމާންގެ ރަސްކަމާ ގަބޫސް ހަވާލުވެވަޑައިގަތީ 1970 އިނގިރޭސީންގެ އެހީގައި ލޭ އޮހޮރުވުމެއް ނެތް އިންގިލާބަކުން އެމަނިކުފާނުގެ ބައްޕާފުޅުގެ ވެރިކަން ބަޣާވާތް ކުރުމަށްފަހު އެވެ. އަދި އޭގެ ފަހުން ތެލުން އާމްދަނީ ހޯދައިގެން އެ ގައުމު ތަރައްގީ ކުރުމުގެ މަސައްކަތް ކުރެއްވި އެވެ.