އިގްތިސޯދު

މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު މަޑު ޖެހުނު: ވޯލްޑް ބޭންކް

Jan 11, 2020
3

މަޝްރޫއުތައް ނިމި، އާ މަޝްރޫއުތައް ނުފެށި ލަސްވުމުން، މިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި މަޑު ޖެހިގެން ދިޔަ ކަމަށް، ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ގެ މި އަހަރުގެ ފުރަތަމަ އަދަދުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ކުރިއެރި ނަމަވެސް، މުޅި އިގްތިސޯދުގެ ދުވެލި ވަނީ މަޑު ޖެހިފަ އެވެ. މީގެ ސަބަބެއް ކަމަށް ބުނެފައިވަނީ އިމާރާތް ކުރުމުގެ ދާއިރާގެ ހަރަކާތްތެރިކަން މަޑު ޖެހުމެވެ.

މި ސަބަބާހުރެ، މިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން ހުރީ 5.2 ޕަސެންޓުގަ އެވެ. މިއީ ކުރިން ލަފާކުރި ވަރަށްވުރެ ދަަށް އަދަދެކެވެ.

މުޅި ދުނިޔޭގެ އިގްތިސޯދުގެ މައްޗަށް ބަލައި، ވޯލްޑް ބޭންކުން ނެރެފައިވާ ރިޕޯޓުގައިވާ ގޮތުން، މި އަހަރު ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 5.5 ޕަސެންޓުގަ އެވެ. އަދި އަންނަ އަހަރު މި އަދަދު 5.6 އަށް މަތިވެގެންދާނެ އެވެ. އަދި މި އަހަރު ރާއްޖޭގެ އިންފްލޭޝަން މަތިނުވެ ހިފެއްޓިފައި ހުންނާނެ ކަމަށް މި ރިޕޯޓުގައި ބުނެފައިވެ އެވެ.

ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން 5.5 ޕަސެންޓުގައި ހުންނާނެ ކަމަށް އަންދާޒާ ކުރި ނަމަވެސް، ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ފިނޭންސް މިނިސްޓްރީން ބުނަނީ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން މި އަހަރު ހުންނާނީ 7.5 ޕަސެންޓުގައި ކަމަށެވެ.