ބިދޭސީން

ކުރިން ހާލު ޖެހިފައި، މިފަހަރު ވައްކަމުގައި

ރާއްޖޭގައި މަސައްކަތް ކުރަން އައިސް އުޅެނިކޮށް މަގުމަތިވެ، ހާލުގައި ޖެހުމުން މިދިއަ އަހަރު ދިވެހިންގެ ބަޔަކު އެހީތެރިވެ ދިން ބަންގްލަދޭޝްގެ 17 އަހަރުގެ ކުއްޖާ ބިސް ކޭހެއް ވަގަށް ނަގައިގެން އުޅެނިކޮށް ބަޔަކު އޭނާ ހުއްޓުވައި ބަރަހާނާކޮށް، ލަދުގަންނަވައިފި އެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯަކުން ފެންނަ ގޮތުގައި ބަޔަކު އޭނާގެ ގަމީސް ބާލުވައި އޭނާގެ އަތަށް "ބަންގްލަދޭޝް ބޮޑު ވަގު" ޖަހާފައިވާ ބޯޑެއް ދީ އޭނާ ކުރި ވައްކަން ކިޔައިދޭން އެދެ އެވެ. އެ ވީޑިއޯގައި އޭނާ ވަގަށް ނެގީ ބިސް ކޭހެއް ކަމަށާއި ބިސް ކޭސް ވަގަށް ނެގީ އެހެން މީހަކު އެދުމުން ކަމަށް ބުނެ އެވެ.

ވީޑިއޯ ކުރި މީހުން އޭނާ ގާތު "ކަލޭ ހަކުރު ބޮންހޭ؟" ވެސް އަހަ އެވެ. ޖަވާބުގައި އޭނާ ބުނަނީ ނޫނެކޭ އެވެ. އަދި ބިސް ކޭސް ވަގަށް ނެގީ ކުރާނެ މަސައްކަތެއް ނެތިގެން ކަމަށް ވެސް ބުނެ ދޫކޮށްލަން އާދޭސް ކުރެ އެވެ.

މީގެ ކުރިން ވެސް ބިދޭސީ މި ކުއްޖާގެ ވީޑިއޯއެއް ދައުރުވި އެވެ. އެ ވީޑިއޯގައި އޭނާއަކީ ރާއްޖެއަށް މަސައްކަތް ކުރުމަށް ގެނައި އުމުރުން 17 އަހަރުގެ ކުޑަ ކުއްޖެއް ކަމަށާއި އަދި އޭނާ ރާއްޖެ ގެނައީ ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރަން ކަމަށް ބުނެ ބަންގްލަދޭޝްގެ ބައެއް ކަމަށް އޭނާ ބުނެ އެވެ.

އަދި ރާއްޖެ އައި ފަހުން އެ މީހުންގެ ފޯނު ނިވާލާފައިވާ ކަމަށާއި އެހެންވެ، ދާނެ ތަނެއް ނެތް ކަމަށް ވެސް ބުނެފައި ވެ އެވެ.

ޒުވާނާ ބުނާ ގޮތުން ކުރާނެ މަސައްކަތެއް ނެތިގެން އުޅެނީ މަގުމަތީގަ އެވެ. އަދި އޭނާ ހުންނަ ގެސްޓް ހައުސް އަށް ފައިސާ ދައްކަން ޖެހިގެން ވަނީ ފޯނު ވިއްކާލާފަ އެވެ.