ހަބަރު

ބޮޑުފިނޮޅު ބިދޭސީންނަށް ވައްކަމާއި ޓެރަރިޒަމްގެ ތުހުމަތު

ބ. އަތޮޅުގައި ރިސޯޓެއް ހަދަމުން ގެންދާ ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ބިދޭސީންނަށް ވައްކަމާއި ޓެރަރިޒަމްގެ ތުހުމަތުކޮށްފި އެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ 198 ބިދޭސީންނަށް މުސާރަ ނުދޭ ކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު އެ މީހުން ވަނީ އެ ރަށުގައި ތިބި ދިވެހިން ރަހީނުކޮށް އެ ރަށުގައި ހުރި މުދަލަށް ގެއްލުން ދީފަ އެވެ. އަދި އެކަން ހުއްޓުވުމަށް އައި ފުލުހުންނަށް ވެސް ހަމަލާދީ ބައެއް ފުލުހުންނަށް ބޮޑެތި އަނިޔާތަކެއް ދީފަ އެވެ.

އެ މައްސަލާގައި އޭދަފުށީ މެޖިސްޓްރޭޓްގައި ބޭއްވި ބަންދުގެ މަޖިލީހުގައި ފުލުހުންގެ ފަރާތުން ވަނީ އެ މީހުންނަށް ބޮޑެތި ތުހުމަތުތަކެއްކޮށްފަ އެވެ. އޭގެ ތެރޭގައި ޓެރަރިޒަމް މަނާ ކުރާ ގާނޫނުގައިވާ ބައެއް ކުށްތަކާއި މާރަމާރީ ހިންގުމާއި ބަޔަކު ރަހީނުކޮށްގެން ތިބުމާއި ފުލުހުންނަށް ހުރަސް އަޅާ ތޫނު ހަތިޔާރާއި ގަލާއި ލަކުޑި ފަދަތަކެތި ބޭނުންކޮށްގެން ފުލުހުންނަށް ހަމަލާދިން ކަން ފާހަގަ ކުރި އެވެ. އޭގެ އިތުރުން ހަދަމުން ދިޔަ ރިސޯޓުގައި ހުރި ބައެއް މުދަލާއި ފައިސާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި އޭދަފުށީ މެޖިސްޓްރޭޓުން ވަނީ އެކަމާ ގުޅިގެން ހައްޔަރު ކުރި 19 މީހުން 15 ދުވަހުގެ މުއްދަތަކަށް ބަންދު ކުރަން ނިންމައިފަ އެވެ.

ބޮޑުފިނޮޅަށް އިއްޔެ ހެނދުނު ފުލުހުންގެ ޓީމުން އެރުމުން ބިދޭސީން ވަނީ އަމާންދީ ފުލުހުންގެ ބަހަށް ކިޔަމަންތެރިވެފަ އެވެ. އެހެން ނަމަވެސް އޭރު ބަނދަރުމަތީގައި ގަލާއި ތޫނުކޮށްފައި ހުރި ލަކުޑިއާއި ދަނގަޑު އަދި މިރުސްފެން ފުޅިތައް ވެސް ހަދާ ތައްޔާރުކޮށްފައި ހުއްޓެވެ.

ބޮޑުފިނޮޅަކީ ސީލް މޯލްޑިވްސް ކުންފުނީގެ ފަރާތުން ތަރައްގީ ކުރަމުންދާ ރިސޯޓެކެވެ. އެ ރިސޯޓްގެ މަސައްކަތް ކުރަމުން ދަނީ ރިޒް ޕްރައިވެޓް ލިމިޑެޓުންނެވެ. ރިޒް ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސް ކުންފުނީގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ކޮންމެ މަސައްކަތު މީހަކަށް 7،000 ރުފިޔާ އާއި ކެއުމުގެ ހަރަދު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ކުންފުނިން އެ މުސާރަތައް ދެމުން ނުދާ ކަމަށެވެ.

އެކަމަށް ރައްދުދީ ސީލް މޯލްޑިވްސް ކުންފުނީގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނީ ރިޒް ކުންފުނިން ފައިސާ ނުދޭ ކަމަށް ބުނެފައިވީ ނަމަވެސް އެއްބަސްވުމުގައި ބުނާ އަދަދަށްވުރެ އިތުރަށް ވެސް އެ ކުންފުންޏަށް ސީލް މޯލްޑިވްސްގެ ފަރާތުން ފައިސާ ދީފައިވާނެ ކަމަށެވެ. އެފޮތުން ރިޒް ކުންފުނިން ހަވާލުވި މަސައްކަތަށް 12 މިލިއަން ރުފިޔާ އެއްބަސްވުމާ އެއްގޮތަށް ދޭން ޖެހޭއިރު މިހާތަނަށް 21 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޫކޮށްފައިވާނެ ކަމަށެވެ.

ރިޒް ކުންފުންޏަކީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުންޏެވެ. އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ރިސޯޓްގެ ވަރަށް ކުޑަ މިންވަރެއްގެ މަސައްކަތް ކަމަށް ވެސް ރިސޯޓް ޑިވެލޮފާ ކުންފުނި، ސީލް މޯލްޑިވްސްއިން ބުނެ އެވެ.

ރިޒް ކުންފުނީގެ މުވައްޒަފުންނަށް މަހު މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސްގެ ޒިންމާއެއް ކަމަށް އެ ކުންފުނިން ބުނި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށް ސީލް މޯލްޑިވްސްއިން ބުންޏެވެ. ސީލް މޯލްޑިވްސްއިން ބުނީ އެއްބަސްވުމުގައިވާ ގޮތުން މަހު މުސާރައިގެ އިތުރުން މުވައްޒަފުން އިންޝުއަކޮށް މުވައްޒަފުންގެ ބޭސް ފަރުވާ އާއި ވިސާ ނެގުން ފަދަ އެންމެހާ ކަންކަމެއް ބަލަހައްޓައި އެކަމުގެ ހަރަދު ކުރާނީ ކޮންޓްރެކްޓަރު ކަމަށެވެ.