ބ. ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގައި ފުލުހުންނާ މަރާމާރީ ހިންގި 19 ބިދޭސީންގެ ބަންދަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.
ބުރާސްފަތި ދުވަހު ހެނދުން ފެށިގެން ހިންގަން ފެށި ހަމަނުޖެހުމުގައި ބިދޭސީން ވަނީ ފުރަތަމަ އެ ރަށަށް ދިޔަ ފުލުހުންނަށް ހަމަލާދީފަ އެވެ. ގަލާއި ދަގަނޑު އުކުމުގެ ސަބަބުން ފުލުހެއްގެ ބޯފަޅައިގެން ގޮސްފައިވެ އެވެ. ރަށުގައި 12 ދިވެއްސަކު ރަހީނު ވެސް ކުރި އެވެ.
ރަހީނުކުރި ދިވެހިން ސަލާމަތްކޮށް ބިދޭސީން ހައްޔަރުކުރީ ފުލުހުންގެ ފައުޖެއް މާލެއިން އެ ރަށަށް އިއްޔެ ހެނދުނު ގޮހެވެ. އެ ފުލުހުން ދިޔަ ފަހުން ރަށުގައި ހަމަނުޖެހުން ހިންގާފައެއް ނުވެ އެވެ. ބަންގްލަދޭޝް ހައި ކޮމިޝަންގެ އެހީތެރިކަމާއެކުގައި އެ މީހުންނާ މުއާމަލާތްކޮށް ރަށުގައި ހިނގައިދިޔަ ހަމަނުޖެހުމުގައި ބައިވެރިވިކަމަށް ބެލެވޭ 19 މީހަކު ހައްޔަރުކޮށްފައިވަނީ އިއްޔެ އެވެ.
އެމީހުން މިއަދު އޭދަފުށީ ކޯޓަށް ހާޒިރުކުރި ޓެރަރިޒަމާއި މަރާމާރީ ހިންގުމުގައި ވައްކަމުގެ ތުހުމަތު އެމީހުންނަށް ކުރެ އެވެ. ފުލުހުންގެ އެދުނު ގޮތަށް 15 ދުވަސް ބަންދަށް ޖެހުމަށް ކޯޓުން ނިންމީ ތުހުމަތުތަކުގެ ސީރިއަސްކަމުންނެވެ. ބިދޭސީން ވަނީ އެމީހުންގެ ދިފާއުގައި ކޯޓުގައި ވާހަކަ ދައްކާފަ އެވެ. އެގޮތުން، އެމީހުންނަށް މުސާރަ ނުދޭ ކަމުގެ ކަންބޮޑުވުންތައް ފާޅުކުރި އެވެ.
ބޮޑުފިނޮޅަކީ ސީލް މޯލްޑިވްސް ކުންފުނީގެ ފަރާތުން ތަރައްގީ ކުރަމުންދާ ރިސޯޓެކެވެ. އެ ރިސޯޓްގެ މަސައްކަތް ކުރަމުން ދަނީ ރިޒް ޕްރައިވެޓް ލިމިޑެޓުންނެވެ. ރިޒް ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސް ކުންފުނީގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ކޮންމެ މަސައްކަތު މީހަކަށް 7،000 ރުފިޔާ އާއި ކެއުމުގެ ހަރަދު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ކުންފުނިން އެ މުސާރަތައް ދެމުން ނުދާ ކަމަށެވެ.
އެކަމަށް ރައްދުދީ ސީލް މޯލްޑިވްސް ކުންފުނީގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނީ ރިޒް ކުންފުނިން ފައިސާ ނުދޭ ކަމަށް ބުނެފައިވީ ނަމަވެސް އެއްބަސްވުމުގައި ބުނާ އަދަދަށްވުރެ އިތުރަށް ވެސް އެ ކުންފުންޏަށް ސީލް މޯލްޑިވްސްގެ ފަރާތުން ފައިސާ ދީފައިވާނެ ކަމަށެވެ. އެފޮތުން ރިޒް ކުންފުނިން ހަވާލުވި މަސައްކަތަށް 12 މިލިއަން ރުފިޔާ އެއްބަސްވުމާ އެއްގޮތަށް ދޭން ޖެހޭއިރު މިހާތަނަށް 21 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޫކޮށްފައިވާނެ ކަމަށެވެ.
ރިޒް ކުންފުންޏަކީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުންޏެވެ. އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ރިސޯޓްގެ ވަރަށް ކުޑަ މިންވަރެއްގެ މަސައްކަތް ކަމަށް ވެސް ރިސޯޓް ޑިވެލޮފާ ކުންފުނި، ސީލް މޯލްޑިވްސްއިން ބުނެ އެވެ.
ރިޒް ކުންފުނީގެ މުވައްޒަފުންނަށް މަހު މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސްގެ ޒިންމާއެއް ކަމަށް އެ ކުންފުނިން ބުނި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށް ސީލް މޯލްޑިވްސްއިން ބުންޏެވެ. ސީލް މޯލްޑިވްސްއިން ބުނީ އެއްބަސްވުމުގައިވާ ގޮތުން މަހު މުސާރައިގެ އިތުރުން މުވައްޒަފުން އިންޝުއަކޮށް މުވައްޒަފުންގެ ބޭސް ފަރުވާ އާއި ވިސާ ނެގުން ފަދަ އެންމެހާ ކަންކަމެއް ބަލަހައްޓައި އެކަމުގެ ހަރަދު ކުރާނީ ކޮންޓްރެކްޓަރު ކަމަށެވެ.