ހަބަރު

ބިދޭސީންއާ ހަވާލުވެ އެމީހުން ގެންދަން ރިޒްއަށް އަންގައިފި

Jul 15, 2020
2

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅަށް ރިޒް ކުންފުނިން އެރުވި ބިދޭސީންއާ ހަވާލުވެ، އެމީހުން އެ ރަށުން ގެންދަން ކޯޓު އަމުރެއް ނެރެފި އެވެ. މި އަމުރު ނެރެފައިވަނީ ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ހިންގި ހަމަނުޖެހުމަށްފަހު އެ ރަށުގެ މަސައްކަތް ކުރަމުންދާ ރިޒް ކުންފުނިން ވަނީ ގިނަ ބިދޭސީންއާ ހަވާލުވާން ދެކޮޅު ހަދާފަ އެވެ. ނަމަވެސް އެއީ ރިޒް ކުންފުނިން އެ ރަށަށް ގެންދިޔަ ބިދޭސީން ކަމަށް އެ ބިދޭސީން އާއި ބޮޑުފިނޮޅު، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ސީލް މޯލްޑިވްސް ކުންފުނިން ވަނީ ބުނެފަ އެވެ.

ސީލް މޯލްޑިވްސްއިން ވަނީ މިކަމާ ގުޅިގެން ރިޒް ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށާއި އޭގެ ބަދަލު ހޯދުމަށް ކޯޓަށް ހުށަހަޅާފަ އެވެ. ބިދޭސީންއާ ހަވާލުވުމުގެ ވަގުތީ އަމުރަކަށް އެދުނީ އެ މައްސަލައިގެ ތެރެއިންނެވެ.

ތުޅާދޫ ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ސީލް ކުންފުންޏާއި ރިޒް ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުންތަކުން، ރިޒް ކުންފުނިން ބޮޑުފިނޮޅަށް މުވައްޒަފުން އަރުވާފައިވާކަން އެނގޭ ކަމަށާއި އެއްބަސްވުމުގެ ދަށުން މުވައްޒަފުން ބޭލުމަށް އެންގުމުގެ ބާރު ސީލްއަށް ލިބިގެންވާ ކަމަށެވެ. އަދި، އެ މުވައްޒަފުން ބޭލުމަށް މީގެކުރިން ސީލްއިން އެނގިކަން ވެސް އެނގެން އޮތް ކަމަށެވެ.

އެއްބަސްވުމުގައިވާ ގޮތުން ސީލްގެ މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ ރިޒްއިން ނަގަން ޖެހެ އެވެ. މީގެކުރިން ވެސް މުވައްޒަފުން ސީލްގެ ބައެއް މުދަލަށް ގެއްލުންދީފައިވާތީ އެ މުވައްޒަފުން ބޭލުމަށް އެންގި އެވެ. ނަމަވެސް އެގޮތަށް ރިޒްއިން އަމަލުކޮށްފައިނުވަނީސް މި މަހުގެ ދެވަނަ ދުވަހު ބިދޭސީން ވަނީ ސީލްގެ ގިނަ މުދާތަކަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އެކަމާ ގުޅޭ ހެކި ސީލްއިން ހުށަހަޅައިފައިވެ އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް މުދަލަށް ގެއްލުންދީ، ސީލްއަށް އިޔާދަނުކުރެވޭފަދަ ގެއްލުންތަކެއް ދީފައިވާނެ ކަމަށް ގަބޫލު ކުރެވޭތީ އެ މީހުން ވަގުތުން ބޭލުމަށް ރިޒްގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ. އަދި، އަމުރު ތަންފީޒުކުރުމުގެ ގޮތުން ފުލުހުންނަށް ގާނޫނީ ގޮތުން ލިބިގެންވާ ބާރުތައް ބޭނުން ކުރުމަށް ވެސް އަމުރުގައި ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައިވެ އެވެ.

ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކޮށް ހަމަނުޖެހުން ހިންގިއިރު އެ ރަށުގައި ރިޒްގެ 179 މުވައްޒަފުން ތިއްބެވެ. އޭގެ ތެރެއިން 19 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ރިޒްއިން ވަނީ އެ ކުންފުނީގެ މުވައްޒަފުންތަކެއް ނޫން ކަމަށް ބުނެ އެމީހުންނާ ހަވާލުވާން ފަހުން ދެކޮޅު ހަދާފަ އެވެ. އެކަމާ ގުޅިގެން އެމީހުން އެ ރަށުގައި ބަންދުވެ، ބައެއް މީހުންނަށް ބޭސް ފަރުވާ ވެސް ވަނީ ނުލިބިފަ އެވެ.