އެމްޑީޕީ

ތިން ސިޓީއެއްގެ މޭޔަރު ކަމަށް 14 ބޭފުޅުން

ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީތަކުގެ މޭޔަރު ކަމަށް ވާދަ ކުރުމަށް އެމްޑީޕީގެ ޓިކެޓަށް އެދި 14 ބޭފުޅަކު ފޯމް ހުށައަޅާފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ އިންތިހާބީ ކޮމެޓީގެ ނައިބު މުގައްރިރު އަދި މަޖިލިސް މެންބަރު އިބްރާހީމް މުއިއްޒު އަވަސްއަށް ވިދާޅުވީ މާލެ ސިޓީ އާއި އައްޑޫ އަދި ފުވައްމަލު ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިިކެޓް ހޯދަން އެޕާޓީގެ ޕްރައިމަރީގައި ވާދަ ކުރުމަށް 14 ބޭފުޅަކު ފޯމް ހުށައަޅާފައިވާ ކަމަށެވެ.

އެގޮތުން މާލޭގެ މޭޔަރު ކަމަށް ވާދަ ކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯދަން ޕްރައިމަރީގައި ވާދަ ކުރުމަށް ހަތް ބޭފުޅަކު ވަނީ ފޯމް ހުށައަޅާފަ އެވެ. އައްޑޫއިން ތިން ފޯމެއް ހުށައަޅާފައިވާއިރު ފުވައްމުލަކު ސިޓީން ހަތަރު ބޭފުޅަކު ވަނީ މޭޔަރު ކަމުގެ ޓިކެޓް ހޯދުމަށް ޕްރައިމަރީއަށް ފޯމް ހުށައަޅާފަ އެެވެ.

މުއިއްޒު ވިދާޅުވީ އެންމެ ފަހުން ސިޓީއެއްގެ ދަރަޖަ ލިބުނު ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް އަދި އެ ސިޓީގެ އެހެން ދާއިރާތަކަށް ޓިިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަ ކުރުމަށް ފޯމް ހުށައެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށެވެ.

މާލެ ސިޓީ އާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ގިނަ މެންބަރުންތަކެއް ވާދަ ކުރާއިރު އޭގެ ތެރޭގައި މިހާރުވެސް މޭޔަރުން ގޮތުގައި ތިއްބެވި ބޭފުޅުންނާއި، އެމްޑީޕީގައި މުހިންމު ދައުރެއް އަދާ ކުރަމުންދާ އެ ޕާޓީގައި ނުފޫޒު ގަދަ ބޭފުޅުން ވެސް ހިމެނި ވަޑައިގަންނަވަ އެވެ.

މޭޔަރު ކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓަށް އެދި ހުށައެެޅި އަދަދު

  • މާލެ ސިޓީން ހަތް ބޭފުޅުން
  • އައްޑޫ ސިޓީން ތިން ބޭފުޅުން
  • ފުވައްމުލަކު ސިޓީން ހަތަރު ބޭފުޅުން

މުއިއްޒު ވިދާޅުވީ ރޭ 21:00 ގެ ނިޔަލަށް އެޕާޓީގެ ކައުންސިލް ޕްރައިމަރީގައި ވާދަކުރަން 1400 ވުރެ ގިނަ ފޯމް ލިބިފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން ސައްހަ ފޯމްގެ ގޮތުގައި ޕްރޮސެސް ކުރެވިފައިވަނީ 1364 ފޯމް ކަމަށް ވިދާޅުވިއެވެ.

"އަދިވެސް މިދަނީ ބަލަންޖެހޭ ބެލުންތައް ބަލަމުން. އިންތިހާބާ ބެހޭ ގަވާއިދު ބުނާގޮތުން ތިން ދުވަސް އެބަލިބޭ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓް އާންމު ކުރަން. ފޯމްތަކުގައި މައްސަލަ ޖެހިގެން ކެންސަލް ކޮށްފިނަމަ ދެން ފުރުސަތެއް ނުދޭނަން. އެހެންވީމަ ކުރިއަށް އޮތް ތިން ދުވަސްތެރޭ ފައިނަލް ލިސްޓް އާންމު ކުރާނަން." މުއިއްޒު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މި ފަހަރު 980 ކައުންސިލަރުން އިންތިހާބު ކުރެ އެވެ. އޭގެ ތެރެއިން 33 ޕަސެންޓް ވަނީ އަންހެނުންނަށް ހާއްސަ ކޮށްފަ އެވެ. އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.