ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު އާންމުކޮށް މި ރިޕޯޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިރޭ 21:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިޓީ މެދުވެރިކޮށް އިންތިހާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ. އަދި އެ ކޮމިޝަންގެ އީ-މެއިލް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ކުޅުދުއްފުށީގައި ރޭ ރަސްމިއްޔާތެއް ބާއްވާ އެ ސިޓީގެ ހަ ދާއިރާ ކަނޑައަޅައި އަންހެން މެމްބަރުން އިންތިހާބު ކުރާ ދެ ދާއިރާ ގުރުއަތުން ހޮވައިފަ އެވެ. އެގޮތުން، އެ ހަ ދާއިރާގެ ތެރެއިން އަންހެން މެމްބަރުން ހޮވާ ދެ ދާއިރާގެ ގޮތުގައި ހޮވީ މެދު އުތުރު ދާއިރާ އާއި މެދު ދެކުނު ދާއިރާ އެވެ.
ކުޅުދުއްފުށީގެ ހަ ދާއިރާ
- ކުޅުދުއްފުށި އުތުރު ދާއިރާ: އާބާދީ - 1678 މީހުން
- ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ: އާބާދީ - 1665 މީހުން
- ކުޅުދުއްފުށި މެދު އުތުރު ދާއިރާ: އާބާދީ - 1752 މީހުން
- ކުޅުދުއްފުށި މެދު ދެކުނު ދާއިރާ: އާބާދީ - 1732 މީހުން
- ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ: އާބާދީ - 1736 މީހުން
- ކުޅުދުއްފުށި އިރު ދެކުުނު ދާއިރާ: އާބާދީ - 1647
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީއަކަށް މެންބަރުން އިންތިހާބު ކުރާއިރު އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ އަދި މާލެ ސިޓީގެ ދާއިރާތަކާއި، އަންހެނުންނަށް ހާއްސަ ގޮނޑިތައް މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ.
ކުޅުދުއްފުށި ސިޓީގެ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުން ފަސްވީ އެ ރަށައް ސިޓީއެއްގެ ދަރަޖަ ދިނުން ސަރުކާރުން ފަސް ކުރުމާއި ގުޅިގެންނެވެ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.
ގާނޫނުގައިވަނީ 10،000 މީހުންގެ އާބާދީ އެއް ނަމަ އެރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނެ ކަމަށެވެ. ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އަރާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭ އެވެ. މިހާރު އެ ސިޓީގެ އާބާދީ އަކީ 10،210 ކަމަށް ރޭ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ސިޓީތަކުގެ އާބާދީ
- މާލޭ ސިޓީ: އާބާދީ 75302
- އައްޑޫ ސިޓީ: އާބާދީ 34217
- ފުވައްމުލަކު ސިޓީ: އާބާދީ 13064
- ކުޅުދުއްފުށި ސިޓީ: އާބާދީ 10،210
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން 384 އަންހެނުން ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.