ހަބަރު

އެމްޑީޕީގެ ޓިކެޓުގައި ކުޅުދުއްފުށި ސިޓީއަށް ކުރިމަތިލާން ހުޅުވާލައިފި

ކުރިއަަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހދ. ކުޅުދުއްފުށި ސިޓީގެ ގޮނޑިތަކަށް ވާދަކުރާނެ ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅާލައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ މިދިޔަ މަހު ފަހުކޮޅުގަ އެވެ. ނަމަވެސް އޭރު ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމަށް ރައީސް ކަނޑައަޅުއްވައި ނުވާތީ އެ ސިޓީގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވައެއް ނުލަ އެވެ. ނަމަވެސް އެމްޑީޕީން މިހާރު ވަނީ ކުޅުދުއްފުށި ސިޓީގެ ދާއިރާތަކަށް ކުރިމަތިލާން ހުޅުވައިލާފައިވެ އެވެ.

އެ ޕާޓީން ބުނީކުޅުދުއްފުށި ސިޓީގެ ގޮނޑިތަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންނަށް ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވައިލާފައިވާ ކަމަށާއި މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީން އިންތިހާބު ކުރަނީ މޭޔަރާއެކު ހަ ކައުންސިލް މެންބަރުންނެވެ. މޭޔަރު އިންތިހާބު ކުރާނީ މުޅި ސިޓީގެ މީހުންގެ ވޯޓުންނެވެ. ދެން ތިބި މެންބަރުން އިންތިހާބު ކުރަނީ ސިޓީ ހަ ދާއިރާއަކަށް ބަހާލައި ކޮންމެ ދާއިރާއެއްގެ މީހުން ވޯޓު ލައިގެން ދާއިރާއަކުން މެންބަރެކެވެ.

ދާދި ފަހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ޖެހެ އެވެ. އެ ގޮތުން ކުޅުދުއްފުށި ސިޓީން ކަނޑައެޅި ދާއިރާތަކުގެ ހަ ގޮނޑީގެ ތެރެއިން ދެ ގޮނޑި ވަނީ އަންހެނުންނަށް ހާއްސަ ކޮށްފަ އެވެ.