ހަބަރު

83،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ތައުލީމީ އައު އަހަރު ފަށައިފި

ދިރާސީ އާ އަހަރުގެ ކިޔެވުން 83،000 އަށް ވުރެ ގިނަަ ދަރިވަރުންނާއެކު މިއަދު ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރު ސަރުކާރުގެ 212 ސުކޫލެއްގައި ކިޔަވައިދެމުންދާއިރު އެ ސުކޫލްތަކުގައި 73،067 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާނެ ކަމަށާއި 212 ސުކޫލްގެ ތެރެއިން 150 ވުރެ ގިނަ ސުކޫލްތަކުގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށް ކަމަށެވެ. އަދި ސަރުކާރު ސުކޫލްތަކާއި، އަމިއްލަ ސުކޫލްތައް ހިމަނައިގެން 83،000 ވުރެ ގިނަ ދަރިވަރުން މިއަހަރު ތައުލީމް ހާސިލްކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި އަހަރު 150 ސުކޫލެއްގައި އޯ ލެވެލްއަށް ކިޔަވައިދޭނެ އެވެ. އަދި 50 ސުކޫލެއްގައި އޭ ލެވެލްއާ ހަމަޔަށް ކަވައިދޭނެ އެވެ. މީގެ އިތުރުން ޕްރީސްކޫލް ތައުލީމްވެސް 170 ވުރެ ގިނަ ސުކޫލްގައި ދިނުމަށް ހަމަޖެހިފައިވާއިރު އަމިއްލަ ފަރާތްތަކުން ހިންގާ ގިނަ ޕްރީ ސުކޫލުތަކުގައިވެސް އެތައް ސަތޭކަ ދަރިވަރުންނެއް ތައުލީމް ހާސިލް ކުރަމުންދާނެ އެވެ.

މާލޭ ސިޓީގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރަން އިއްޒުއްދީން ސްކޫލް ގެ ނަމުގައި އާ ސްކޫލެއް ހުޅުވާފައިވާއިރު މިއަދު އެ ސުކޫލުގައި 224 ވުރެ ގިނަ ދަރިވަރުން މިއަހަރު ތައުލީމް ހާސިލް ކުރާނެ އެވެ.

ކުރީގެ މާލެ އިންގްލިޝް ސްކޫލް (އެމްއީއެސް) ހިންގި އިމާރާތުގައި އިއްޒުއްދީން ސުކޫލް ހުޅުވާ ކިޔަވައިދޭން ފަށާފައިވަނީ ގްރޭޑް އެކަކުން ފެށިގެން ހައަކަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގަ އެވެ. މި ސްކޫލްގައި ގްރޭޑް ހަތަކުން ފެށިގެން 10 ހަމައަށް ގްރޭޑްތައް ތަރައްގީ ކުރަން ނިންމާފައި ވަނީ 2021 އިން ފެށިގެން އަހަރަކުން އަހަރަކުން ގްރޭޑެއް އިތުރުކުރާ ގޮތަށެވެ.

އާ އަހަރު މިއަދުު ފެށިގެން ދިޔައިރު ރައީސް އޮފީހުގެ މިނިސްޓަރުން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ކޮންމެ އަތޮޅެއްގެ ވެސް އެއް ސްކޫލްގައި ކިޔެވުން ފެށުމުގެ ހަފުލާގައި މިނިސްޓަރަކު ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ. އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުމުން ފެށިފައިވާއިރު މި އަހަރުގެ ބޮޑު ޗުއްޓީ ދެ ބަޔަކަށް ބަހާލަން ނިންމާ އެޑިއުކޭޝަން މިނިސްޓްރީން މިއަހަރު ވަނީ ނިންމާފައެވެ. އަދި މި އަހަރުގެ ސުކޫލްތަކުގެ އަހަރީ ޗުއްޓީގެ ފުރަތަމަ ބައި 31 މެއި އިން ފެށިގެން 11 ޖޫން އަދި ދެވަނަ ބައި ހައެއް ޑިސެންބަރުން ފެށިގެން ހަތެއް ޖަނަވަރީއާ ހަމަޔަށް ވަނީ ހަމަޖައްސައިފަ އެވެ.

އެޑިއުކޭޝަނުން އަލަށް ގެންނަ ބަދަލާއެކު ޗުއްޓީގެ ފުރަތަމަ ބައިގައި ލިބެނީ 11 ދުވަހެވެ. ދެވަނަ ބައިގައި ލިބެނީ 30 ދުވަހެވެ. އެހެންކަމުން ދެބައަށް ބަހާލުމުގެ ނަމުގައި ޗުއްޓީ ކުރުކޮށްލީ ކަމަށް ބައެއް މީހުން ދެކެއެވެ. މީގެ އިތުރުން މިހާރުވެސް އަހަރަކު ދެ ފަހަރު ސެމިސްޓާ ބްރޭކް ނުވަތަ ޓާމް ބަންދުގެ ގޮތުގައި ހަފްތާއެއް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ލިބެމުން ދެއެވެ. އެހެން ކަމުން ބޮޑު ޗުއްޓީގެ ފުރަތަމަ ބައިގެ ގޮތުގައި އެންމެ 11 ދުވަސް ލިބުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ބުނެ ބައެއް މީހުން ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.