ހަބަރު

އެމްޑީޕީ ދަފުތަރުގައި އިދިކޮޅު މެންބަރުންގެ ނަން!

Jan 12, 2020
3

އެމްޑީޕީ މެންބަރުންގެ މައުލޫމާތު ހިމެނޭ ދަފުތަރުގައި އިދިކޮޅު މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުންގެ ނަން ހިމަނާފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޕީޕީއެމްގެ ކުރީގެ ސެކެރްޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ ނަން އެމްޑީޕީގެ ދަފްތަރުގައި އޮތް ކަމަށާއި އެއިން އެނގެނީ އެމްޑީޕީން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ ޑޭޓާ ބޭސް ނަގައި އެ ބޭނުން ކުރަމުން ދިއުން ކަމަށެވެ.

އިދިކޮޅުގައި ހަރަކާތްތެރިވަމުން އަންނަ މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު ވަނީ އޭނާގެ ނަން އެމްޑީޕީ ދަފްތަރުގައި އިންް ފޮޓޯއެއް ވެސް ޓުވީޓް ކުރައްވައިފަ އެވެ. އަދި ވިދާޅުވީ މީހެއްގެ ޒާތީ މައުލޫމާތުތައް ބޭނުން ކުރުމަކީ ޖިނާއީ ކުށެއް ކަމަށާއި އެފަދަ ނާތަހުޒީބު ކަންކަމުގައި އަމިއްލައަށް ސިޓީ ފޮނުވައިގެން ދަފުތަރުން ކެނޑެން ސިޓީލުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މުފީދުގެ އިތުރު ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ލަތީފުގެ ނަން ވެސް އެމްޑީޕީ ދަފްތަރުގައި ވަނީ ހިމަނައިފަ އެވެ. އަދި ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީ މެންބަރު އަބްދުﷲ ރިޔާޒްގެ ނަން ވެސް އޮއްވާ ނަން އުނި ކުރުމަށް އެދިވަޑައިގަތުމުން ވަނީ އޭނާގެ ނަން ނަގައިފަ އެވެ.

އެ މައްސަލާގައި އެމްޑީޕީއަށް ފާޑު ކިޔުން އަމާޒުވެފައިވާ އިރު ގިނަަ ފަރާތްތައް އެކަން ގުޅުވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ބާއްވާ ޕްރައިމެރީއާ އެވެ. ބައެއް ފަރާތްތަކުން ސިފަ ކުރައްވަނީ އެއީ އިންތިހާބު އޮޅުވާލުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. އަދި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ގާނޫނާ ހިލާފު ކަމެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

އާންމުކޮށް ޕާޓީއެއްގެ ދަފްތަރުގައި މީހެއްގެ ނަން ހިމެނޭނީ އައިޑީކާޑުގެ މައުލޫމާތުތައް ހިމެނޭ ގޮތައް އެކަމަށް ހާއްސަ ފޯމެއް ފުރައި ޕާޓީއަށް ހުށަހެޅުމުންނެވެ. އަދި ބައެއް ފަހަރު ޕާޓީތަކުން އެ ފޯމް ބަލައިގަތުމުގެ ކުރިން މެންބަރަށް ގުޅައި، މައުލޫމާތު ކަށަވަރު ކުރެ އެވެ.

މީގެ ކުރިން ވެސް ޕްރައިމަރީތަކާ ދިމާކޮށް ގިނަ އަދަދެއްގެ މެންބަރުން ޕާޓީ ބަދަލު ކުރެ އެވެ. އެގޮތުން މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއާ 30،000 އަށް ވުރެ ގިނަ މެންބަރުން ވަނީ ގުޅިފަ އެވެ. ނަމަވެސް މީގެ ކުރިން އިދިކޮޅު މެންބަރުންގެ ނަން އޮތުމުގެ މައްސަލައެއް ދިމާވި ކަމެއް އެނގިފައެއް ނެތެވެ. އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ބަހެއް އަދި ނުލިބެ އެވެ. އެ ޕާޓީގެ ޕްރައިމަރީ މި މަހު 31 ގައެވެ.