އަބްދުﷲ ޝާހިދު

ރައިޒީނާ ޑައިލޮގްގައި ޝާހިދު ތަގުރީރު ކުރައްވަނީ

ރައިޒީނާ ޑައިލޮގްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތަގުރީރު ކުރައްވާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ރައިޒީނާ ޑައިލޮގް ކުރިއަށްދާނީ ޖެނުއަރީ 14 އިން 16 އަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ. ރައިޒީނާ ޑައިލޮގަކީ އަހަރަކު އެއް ފަހަރު އިންޑިއާގެ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ބާއްވާ ބައިނަލްއަގްވާމީ ބައްދަލުވުމެކެވެ. މިނިސްޓަރު ޝާހިދު މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަންގެ ރައީސް ސަމީރް ސަރަންގެ ދައުވަތަކަށެވެ.

މި ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު ޝާހިދު ތަގްރީރު ކުރައްވާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ވަޑައިގެންނެވި އެހެން ބައެއް ގައުމުތަކުގެ މިނިސްޓަރުންނާއި، އިންޑިއާ ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއިވެސް ޝާހިދު ބައްދަލުކުރައްވާނެއެވެ.