ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންއަށް އެމްޑީޕީ އިން ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދޮގު ކުރައްވައިފި އެވެ.
ހއ. އާއި ހދ. އަތޮޅަށް ފުރައިވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އިން އަތޮޅުތަކަށް ދަަތުރުކޮށް ހަރަކާތްތައް ހިންގަނީ އެ ޕާޓީން ކަމަށާއި އޭގައި ސަރުކާރު އެއްވެސް މިންވަރަކަށް ނުހިމެނޭނެ ކަމަށެވެ. އަދި އެއްވެސް ވަސީލަތެއް ބޭނުމެއް ނުކުރާ ކަމަށާއި އެފަދަ ކަމެއް ކުރާހެން އިދިކޮޅު ފަރާތްތަކަށް ހީވަނީ ކުރީ ސަރުކާރުން އެކަން ކުރުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެ ބޭފުޅުން ސަރުކާާރުގައި ތިއްބެވިއިރުގައި ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރެއްވި ކަމަށާއި އެހެންވީމަ އެމްޑީޕީ އިން ވެސް އެ ބާވަތުގެ ކަމެއް ކޮށްފާނެ ކަމަށް އެ ބޭފުޅުންގެ ހިތަަށް ވަންނަނީ. ހަސަނަށް ހީވާނެ ފުޅަށް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލަނީއޭ،" ނަޝީދު ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބުނެފައި ވަނީ ރައީސް ނަޝީދު ކުރައްވާ ބައެއް ކެމްޕެއިން ދަތުރުތަކުގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށާއި ނަހަމަ ގޮތުގައި އެތަކެތި ބޭނުންކޮށް އޮޅުވާލަން ކުރާ މަސައްކަތް ހުއްޓާލަން ގޮވާލައި ކަމަށެވެ.