އައްޑޫ ސިޓީ

ވެކްސިން ނުޖަހާ ކުދިން ވައްދާ ސުކޫލެއް!

ވެކްސިން ނުޖަހާ ކުދިން ވައްދާ ސުކޫލެއް އައްޑޫ ސިޓީގައި ހިންގަމުން ގެންދާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ތުހުމަތު ކުރައްވައިފި އެވެ.

ފައިސަލް މިހެން ވިދާޅުވީ ދޮޅު އަހަރަށްފަހު ރާއްޖެއިން އަނެއްކާ ވެސް ހިމަބިހި ފެނިފައި ވަނިކޮށް ސުކޫލްތަކުގެ ކިޔެވުން ފެށުމަކީ އެ ބަލި ފެތުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރުމާ ގުޅިގެންނެވެ.

ފައިސަލް ވިދާޅުވީ ކުދިން ސުކޫލަށް ވައްދަނީ ވެކްސިންގެ ޑޯޒްތައް ހަމަކޮށްފައި ކަމަށާ އެހެން ކަމުން ވެކްސިން ޖަހާފައި ތިބި ކުދިންނަށް އެކަމުން ނުރައްކަލެއް ނެތް ކަމަށެވެ. އަދި އެކުދީންގެ ސަބަބުން އެހެންމީހުންނަށް ވެސް ނުރައްކަލެއް ނެތް ކަމަށެވެ.

"މީގެ މައްސަލައަކީ ވެކްސިން ނުޖަހާ ސުކޫލްތަކަށް ވައްދާތީ. އައްޑޫގައި ހުންނާނެ ސުކޫލެއް ވެކްސިން ނުޖަހާ ވައްދާ!" ސުކޫލްގެ ނަން ހާމަނުކޮށް ފައިސަލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެކަމާއި ގުޅިގެން އެއީ ކޮން ސުކޫލެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. ނަމަވެސް ފައިސަލް ވަނީ އެ ސުކޫލްގެ ނަން ހާމަކުރަން ދެކޮޅު ހައްދަވާފަ އެވެ. ވިދާޅުވީ ވެކްސިން ނުޖަހާ ކުދިން ވައްދާ ގިނަ ސުކޫލުތައް ސަރުކާރަށް އެނގޭނެ ކަމަށެވެ.

"ފިޔަވަޅު އަޅަންވީމާ އަދުލް އިންސާފު [ހަމަހަމަކަން] ނެތުން މައްސަލައަކީ" ފައިސަލް ވިދާޅުވި އެވެ.

ފައިސަލްގެ ވާހަކަތަކާއި ގުޅިގެން ޑރ. މުހައްމަދު އަލީ ވިދާޅުވީ ވެކްސިން ނުޖަހާ ދަރިވަރުން ސުކޫލަށް ވެއްދުމަކީ އާންމުންނަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި ވެކްސިން ޖެހުމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ވެސް އޮތް ނުރައްކަލެއް ކަމަށެވެ.

"މިކަން ބަލާ، އެކަން ހުއްޓުވުމަކީ ތިޔަ ބޭފުޅުންގެ ޒިންމާއެއް." ރައީސް ސޯލިހާއި، އެޗްޕީއޭ އަދި ފުލުހުންނަށް ޓެގް ކުރައްވާ މުހައްމަދު އަލީ ވިދާޅުވި އެވެ.

ދޮޅު އަހަރަށްފަހު ރާއްޖެއިން ހިމަބިހި ފެނިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފަ އެވެ. އެއީ އުމުރުން ތިން އަހަރުގެ ކުއްޖަކަށެވެ. އެ ކުއްޖާއަށް ޅަ ފަތުގައި ދޭންޖެހޭ ވެކްސިން ދީފައި ނުވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ހިމަބިހި ކޮންޓްރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ 2 ޑޯޒް ހަމަކުރުމެވެ.

ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލާފައި ދިޔަޔަސް އެއް ގަޑިއިރުވަންދެން އޭގެ ވައިރަސް އެތަނުގައި ވެއެވެ. އަދި އެތަނަށް ދާ އެހެން މީހުންނަށް އެ ބަލި ޖެހެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ބައްޔެއްގައި އަހަރަކު 134000 މީހުން މަރުވާ މީސުލްސް (ހިމަބިހި) ރާއްޖެއިން ނައްތާލާފައިވާތީ އެކަމުގެ އެވޯޑް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ރާއްޖެއަށް ދިނީ ސެޕްޓެންބަރު 7، 2017 ގައެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވަނީ ޖޫން 2017 ގައެވެ. ޑަބްލިއުއެޗްއޯއިން އެގޮތަށް ކަނޑައެޅީ އެ ބަލި ރާއްޖޭގައި ގައިން ގަޔަށް އެރުން ހުއްޓުވާފައިވުމާއި 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މީހަކަށް އެބަލި ޖެހިފައި ނުވާތީ އެވެ.

ހިމަ ބިއްސަކީ ވެކްސިންގެ އެހީގައި ރައްކާތެރިވެވޭ ބައްޔެކެވެ. އެ ބަލިން ދިފާއުވާ ވެކްސިން ރާއްޖޭގައި ދޭން ފަށާފައި ވަނީ 1979 ވަނަ އަހަރު އެވެ.

މީސަލްސްގެ އަލާމާތްތައް އެ ބަލި ޖެހޭތާ 10 ދުވަސް ފަހުން ފެންނަން ފަށާއިރު އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކަންފަތުގެ އިންފެކްޝަން، ނިއުމޯނިއާ، ފުއްޕާމޭގެ އިންފެކްޝަން، ސިކުނޑިއަށް އަސަރުކުރުން، ލޯ އަނދިރިވުން، ގިނަ ދުވަހަށް ބޭރަށް ހިންގުމެވެ.

ރާއްޖޭގައި ބައެއް މީހުން ގެންދަނީ އެ މީހުންގެ ދަރިންނަށް ވެކްސިން ދިނުމަށް ދެކޮޅު ހަދަމުންނެވެ.