ވިޔަފާރި

ޗައިނާގެ ބޮޑު ތިން ސިޓީގައި ރާއްޖޭގެ އައުޓްޑޯ ކެމްޕޭނެއް

Jan 13, 2020

ޗައިނާގެ ބޮޑު ތިން ސިޓީ ކަމަށްވާ ބެއިޖިން އާއި ގުއަންޒޯ އަދި ޝަންހާއީގައި ރާއްޖޭގެ އައުޓްޑޯ ކެމްޕޭނެއް ފަށައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ މި ކެމްޕޭނުގެ ދަށުން ބެއިޖިންގެ އެންމެ ބޮޑު އޮފީސް އިމާރާތްތަކުގައި ރާއްޖޭގެ 2،000 ލެޑް ސްކްރީން އާއި ފަސް ޝޮޕިން މޯލްގެ ބޭރުގައި ބެހެއްޓިފައިވާ ލެޑް ސްކްރީންތަކުގައި ރާއްޖޭގެ ރީތި މަންޒަރު ފެންނަ ވީޑިއޯތައް ދައްކަމުންދާނެ ކަމަށެވެ.

ޝަންހާގައި އެންމެ ބާރު ބޮޑު ދުވާލެއްގެ މައްޗަށް ދޮޅޮލައްކަ މީހުން ބޭނުންކުރާ މެޓްރޯ ސްޓޭޝަންގައި ބެހެއްޓިފައިވާ ހަތް ސްކްރީންގައި ރާއްޖޭގެ ޓޫރިޒަމް ތަޖުރިބާ ކުރެވެން ހުރި ކަންކަން ފެނިގެންދާނެ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.

އެމްއެމްޕީއާރުސީ އިން ބުނީ ޗައިނާ މާކެޓުގައި ރާއްޖެ އިޝްތިހާރުކޮށް، މި އަހަރު ދެ ފެއާއަކާއި ދެ ރޯޑްޝޯއެއްގައި ބައިވެރިވާން ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ޑިޖިޓަލް މީޑިއާ ކެމްޕޭންތައް ވެސް މާކެޓަށް އަމާޒުކޮށްގެން ހިންގަން ރޭވިފައިވާ ކަމަށާއި މިދިޔަ އަހަރު ވެސް ޗައިނާގައި މާކެޓިން ގިނަ ކެމްޕޭންތަކެއް ހިންގާފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

ޗައިނާ އިން މިދިޔަ އަހަރު ރާއްޖެއަށް 284،373 ފަތުރުވެރިން އައެވެ. ޗައިނާއަކީ އަދިވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު، ރާއްޖެއަށް 1.7 މިލިއަން މީހުން ވަނީ އައިސްފަ އެވެ.