ހަބަރު

ހިމަބިހި ޖެހިގެން އިތުރު ކުއްޖަކަށް ފަރުވާ ދޭން ފަށައިފި

ހިމަބިހި ޖެހިގެން އިތުރު ކުއްޖަކަށް އައިޖީއެމްއެޗް އިން ފަރުވާ ދޭން ފަށައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މިޑިއާ އޮފިސަރު ވިދާޅުވީ ހިމަބިހި ޖެހިގެން އުމުރުން 17 އަހަރުގެ ކުއްޖަކަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އެކަމާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ. ނަމަވެސް އޮފިޝަލް ވިދާޅުވީ މި ދެ މީހުންގެ އިތުރުން ހިމަބިހީގެ އެހެން ކޭސް އެއް އަދި ފާހަގަ ވެފައިނުވާ ކަމަށެވެ.

ހިމަބިހި ޖެހިގެން މި ފަހުން ފަރުވާ ދެމުންދޭން ފަށާފައި ވަނީ އުމުރުން ތިން އަހަރުގެ ފިރިހެން ކުއްޖަކަށެވެ. ނަމަވެސް މިހާރު އެ ކުއްޖާ ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ތިން އަހަރުގެ ކުޑަ ކުއްޖާ އަށ ްމި ބަލި ޖެހިފައިވަނީ ގަވާއިދުން ދޭން ޖެހޭ ވެކްސިން ދީފައިނުވާތީ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ބައްޔެއްގައި އަހަރަކު 134000 މީހުން މަރުވާ މީސުލްސް (ހިމަބިހި) ރާއްޖެއިން ނައްތާލާފައިވާތީ އެކަމުގެ އެވޯޑް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ރާއްޖެއަށް ދީފައިވަނީ ސެޕްޓެންބަރު 7، 2017 ގައެވެ.