ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންނަށް ހިތްހަމަޖެހުމެއް ނުލިބޭ ސަބަބަކީ ކޯލިޝަން: ނަޝީދު

އެމްޑީޕީ އިސްވެ އޮތް ސަރުކާރެއް އުފެދިފައި އޮތް ނަމަވެސް ރަށްރަށުގައި ތިބި ރައްޔިތުންގެ ގިނަ ބަޔަކަށް އަދިވެސް ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބޭ ކަމަށާއި އޭގެ ސަބަބަކީ ސަރުކާރު ހިންގުމަށް ހަދާފައިވާ ކޯލިޝަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހއ. އިހަވަންދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އުފެދިގެން އައުމާ އެކުގައި ރައްޔިތުންގެ އިތުރުން އެމްޑީޕީގެ އާންމު މެންބަރުންނަށް ވެސް އޭގެ ފުރިހަމަ ހިތްހަމަޖެހުމެއް ލިބިގެން ނުދާކަން ފެންނަ ކަމަށެވެ.

އޭގެ ސަބަބަކަށް އެމަނިކުފާނު ދެއްކެވީ ކޯލިޝަނެވެ.

"މި ޕާޓީގެ މެންބަރުންނަށް ވެސް އަދި މި ޕާޓީގެ މަސައްކަތުގައި އެތައް ޒަމާނެއް އުޅުނުހާ މީހުނަށް އަދި ރައްޔިތުންނަށް ވެސް ހައްގުވާ މިންވަރު ނުލިބި މި ދަނީ އެބައި އެހެން ތަންތަނަށް އަޅަން ޖެހޭ މިންވަރުން. އެއީ ސަރުކާރު އުފެދުނު ގޮތް. ސަރުކާރަށް އަޅުގަނޑުމެން އައީ މި ދެންނެވި އިންތިޒާމުގެ ތެރެއިން. އެހެން ޕާޓީތަކާ ގުޅިގެން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް އެކަނި ރައްޔިތުން ދީފައިވާ ކަމަށާއި އެހެންކަމުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދެނީ އެމްޑީޕީއާއި އެ ޕާޓީގެ ސިޔާސަތުތަކަށް ކަން ވަރަށް ސާފުކޮށް އެނގިގެން ގޮސްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ދެން ވިދާޅުވީ ވެރިކަން ތަރުތީބު ކުރެވެން ޖެހޭނީ ވެސް އެ ގޮތަށް ކަމަށެވެ.

"ރައްޔިތުން ނެތް ގޮތަކަށް ރާއްޖޭގެ ވެރިކަމެއް ނޯންނާނެ. ރައްޔިތުންގެ ފިކުރާއި ހިޔާލު އޮތް ގޮތަކަށް މި ރާއްޖޭގެ ވެރިކަން ތަރުތީބު ވެގެން ދާން ޖެހޭނީ. ހަމަ ގައިމު ވެސް އެމްޑީޕީގެ ވެރިކަމެއް އުފެދި ތަރުތީބު ވެގެން އަންނާނީ މި ގޮތުގައި." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު އެމްޑީޕީއަށް މުހިއްމުވާ ސަބަބަކީ ވެސް އެއީ ކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ސިޔާސަތުތައް ދަންނާނެ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ ކަމަށާއި ސަރުކާރު އެ ގޮތުގައި ތަރުތީބު ކުރުމަށްޓަކައި އެމްޑީޕީއަށް އެ އިންތިހާބު ކާމިޔާބު ކުރުން މުހިއްމު ކަމަށެވެ.

"އިއްތިހާދުގެ އިންތިޒާމުތަކުގެ ތެރޭގައިތޯ ސަރުކާރު އޮންނާނީ ނުވަތަ އެމްޑީޕީގެ ރިޔާސަތެއްގެ ގޮތުގައި، [ރައީސް] އިބްރާހީމް މުހައްމަދު ސޯލިހްގެ ޒައާމަތެއްގެ ގޮތުގައި ހިނގާ ސަރުކާރެއްތޯ މި އިންތިހާބުން ކަނޑައެޅޭނެ، އަޅުގަނޑުމެން [އެމްޑީޕީން] އެދެނީ އަޣުލަބިއްޔަތު ރައްޔިތުން އެދޭ ގޮތަށް ކަންކަން ވަމުން ދިޔުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.