ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީއަށް ނޫނީ ކައުންސިލް ހިންގާކަށް ނޭނގޭނެ: ނަޝީދު

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކައުންސިލްތަކުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ދޭން ޖެހޭ ކަމަށާއި އެހެން ސިޔާސީ ޕާޓީއަކަށް ކައުންސިލްތައް ހިންގުމުގެ ވިސްނުމެއް ނުހުންނާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އުތުރުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. ހޯރަފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރން ލާމަރުކަޒީ ނިޒާމަކުން ސަރުކާރު ހިންގުމުގެ ވިސްނުން ރައްޔިތުންނަށް ހުށަހެޅީ އެމްޑީޕީ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން އެ ވިސްނުން ބަލައިގެންފައިވާ ކަމަށެވެ.

ލާމަރުކަޒީ ނިޒާމުގެ ވިސްނުމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށާއި އެ ވިސްނުމުގައި ކައުންސިލްތައް މެދުވެރިކޮށް ރަށްރަށަށް ތަރައްގީ ގެނެވޭނީ އެމްޑީޕީއަށް އެކަނި ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ. އަދި ވިދާޅުވީ ލާމަރުކަޒީ ނިޒާމާއި ކައުންސިލްތައް ހިންގަން އެމްޑީޕީ ނޫން އެހެން ޕާޓީތަކަށް ނޭނގޭނެ ކަމަށާއި އެ ވިސްނުން އޮތީ ވެސް އެމްޑީޕީގައި އެކަނި ކަމަށެވެ.

"މިއީ [އެމްޑީޕީ ނޫން] އެހެން ބަޔަކަށް ކޮށްދެވޭނެ ކަމެއް ނޫން، ޕީޕީއެމަކަށް ވެސް، ޖުމްހޫރީ ޕާޓީއަކަށް ވެސް، އަދި އެހެން ޕާޓީއަކަށް ވެސް މި މަސައްކަތެއް ނުކޮށް ދެވޭނެ، މި އިން އެއްވެސް ކަމެއް ކުރަން އެ މީހުނަކަށް ނޭނގޭނެ، އެ ވިސްނުމެއް ނުވެސް ހުންނާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ބަލައިގަތީ އެމްޑީޕީން ހުށަހެޅި "އެޖެންޑާ 19" އިގެ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތައް ކަމަށެވެ. އެ އެޖެންޑާގެ ތެރެއިން މިހާތަނަށް ފާސް ކުރި ބައެއް ގާނޫނުތައް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. ވިދާޅުވީ އެ ގާނޫނުތައް ފުރިހަމައަށް ތަންފީޒު ކުރެވޭނީ ކައުންސިލްތައް މަދުވެރިކޮށް ރަށްރަށުގައި އެކަން ކުރުމުން ކަމަށެވެ.

މިއީ އެމްޑީޕީ ނޫން އެހެން ބަޔަކަށް ކޮށްދެވޭނެ ކަމެއް ނޫން، ޕީޕީއެމަކަށް ވެސް، ޖުމްހޫރީ ޕާޓީއަކަށް ވެސް، އަދި އެހެން ޕާޓީއަކަށް ވެސް މި މަސައްކަތެއް ނުކޮށް ދެވޭނެ، މި އިން އެއްވެސް ކަމެއް ކުރަން އެ މީހުނަކަށް ނޭނގޭނެ،
ރައީސް މުހައްމަދު ނަޝީދު | މަޖިލީހުގެ ރައީސް

ލާމަރުކަޒީ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުތަކާއެކު ރަށްރަށުގައި ގާނޫނުތައް ތަންފީޒު ކުރުމުގެ ބާރު ކައުންސިލްތަކަށް ދޫކޮށްލާފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެ ގާނޫނުތައް ތަންފީޒު ކުރަން އެނގޭނެ ބަޔަކީ ވެސް އެމްޑީޕީ ކަމަށް ވިދާޅުވި އެވެ.

"[އެމްޑީޕީގެ] އެ އެޖެންޑާ ރަށަށް ގެނެވޭނީ ކައުންސިލްތައް މެދުވެރިވެގެން ރަށުގައި [ތަންފީޒު] ކުރުމުން، ރާއްޖޭގައި ފާސް ކޮށްފައިވާ ގާނޫނު މަދެއް ނޫން، ފޮތް ބައިތައް ބައިވަރު، އެ ގާނޫނުތައް ތަންފީޒު ކުރެވެން މި އަންނަނީ ރަށްރަށުގެ ކައުންސިލްތަކުން އެ ގާނޫނުތައް ތަންފީޒު ކުރުމުގެ މަސައްކަތް ހިންގަން ފެށުމުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.