ހަބަރު

ޕީޕީއެމްގެ ޕްރައިމަރީއަށް ކުރިމަތިލެވޭ ވަގުތު އިތުރުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުނަށް އެ ޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.

އިދިކޮޅު ޕީޕީއެމް - ޕީއެންސީގެ ކޯލިޝަނުން ނިންމާފައި ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެ ކޯލިޝަނުން ކެންޑިޑޭޓުން ޕީޕީއެމްގެ ޓިކެޓުގައި ނެރުމަށެވެ. އަދި ޕީޕީއެމްގެ ޓިކެޓަށް އެދި ފޯމު ހުށަހެޅުމަށް އެންމެ ފުރަތަމަ މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލި އެވެ.

ޕީޕީއެމް އިން މިއަދު ބުނީ އެ ޕާޓީގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާން ބޭނުންވާ މީހުން ފޯމު ހުށަހެޅުމަށް ހުޅުވާލި މުއްދަތު މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ. އެ ޕާޓީގެ ޓިކެޓަށް އެދި ހުށަހަޅަން ޖެހޭ ފޯމުގެ ޑައުންލޯޑް ލިންކް ޕީޕީއެމް އިން ކުރި ޓްވީޓެއްގައި ވަނީ ހިމަނައިފަ އެވެ.

ކައުންސިލް އިންތިހާބުގެ ގޮނޑިތަކަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައަޅަން ނިންމާފައި ވަނީ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކުންނެވެ. ނަމަވެސް ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި އެ ޕާޓީން ހާމައެއް ނުކުރެ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ގާނޫނުން ލާޒިމުކޮށްފައިވާތީ 370 ގޮނޑި ވަނީ ހާއްސަކޮށްފަ އެވެ. އަދި ކައުންސިލްތަކުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ އެވެ.