ރައީސް މުހައްމަދު ނަޝީދު

މަޝްރޫއުތައް ހިންގުން ބުއްދިވެރީ އެ ރަށެއްގެ މީހުން: ނަޝީދު

ރަށްރަށުގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި އިގްތިސާދީ ހަރަކާތްތައް ހިންގަން ކުރިއަށް ގެންދާ މަޝްރޫއުތައް ހިންގުން ބުއްދިވެރި ގޮތަކީ ރަށުން ބޭރު ނުވަތަ ގައުމުން ބޭރުގެ ބަޔަކާ ހަވާލު ކުރުމުގެ ބަދަލުގައި އެ ރަށެއްގެ ބަޔަކާ ހަވާލު ކޮށްގެން ކުރިއަށް ގެންދިއުން ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭނަށް ހއ. ކެލައަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ތައާރަފު ކުރި ޓެކްސްގެ ނިޒާމާއެކު ދައުލަތުގެ އާމްދަނީ އިތުރުވެ ސަރުކާރުން ރަށްރަށުގައި ހިންގާ އުމްރާނީ މަސައްކަތްތައް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރުތަކުން މަސައްކަތް ކުރެވޭ ވަރު ވެފައިވާ ކަމަށާއި މިއަދު ވިސްނަންވީ ކަމަކީ ރަށްރަށުގައި ހިންގާ މަޝްރޫއުތަކުން ލިބެން އޮތް ފައިސާއާއި ފައިދާތައް އެ ރަށެއްގައި ހިފެހެއްޓޭނެ ގޮތެއް ހޯދުން ކަމަށެވެ. ކައުންސިލް އިންތިހާބަށް އެމްޑީޕީން ހުށަހަޅާނީ އެ ކަންކަން ހަމަޖެހޭނެ ގޮތްތަކުގެ ވައުދުތައް ކަމަށެވެ.

އެ ގޮތުން ފަސް މިލިއަން ރުފިޔާއާ ހަމައަށް އަގު ހުންނަ މަޝްރޫއުތައް ކައުންސިލާ ހަވާލު ކުރުމަށް ގާނޫނަށް ގެނައި އިސްލާހު ފާހަގަ ކުރެއްވި އެވެ. އަދި ސަރުކާރުން އެދޭ އެއަށްވުރެ ވެސް ބޮޑެތި މަޝްރޫއުތައް ކައުންސިލްތަކަށް ހަވާލު ކުރެވޭނެ އިންތިޒާމު ފަހިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެމްޑީޕީގެ މި ފަަހަރުގެ ވައުދަކީ ރަށުގެ މަސައްކަތް ކުރަނީ އެ ރަށެއްގެ ރައްޔިތުންނޭ އަދި އެ މަސައްކަތުގެ މަންފާ ހޯދޭނީ އެ ރަށެއްގެ ރައްޔިތުން ކަމުގައި ހެދުން، އެ ޓެންޑަރުގެ އުސޫލުން މަޝްރޫއުތައް ރަށުގައި ހިންގުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކެލައިން މިސާލު ނަންގަވަމުން ރައީސް ނަޝީދު ވިދާޅުވީ ކެލާއަކީ އިމާރާތް ކުރުމުގެ ދާއިރާގެ މަސައްކަތުގައި އިސްކޮށް އުޅޭ ވަރަށް ގިނަ ބަޔަކު އުޅޭ ރަށެއް ކަމަށެވެ. އެހެންކަމުން އެ ރަށުގައި ހިންގާ އުމްރާނީ މަސައްކަތްތައް ކުރުމަށް އެ ރަށުގެ މީހުން ނުލިބި ނުދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ތަނުގައި މަދަރުސާގައި ހަދާ ހޯލެއް ވެސް ހެދުން ބުއްދިވެރީ މި ރަށުގެ ރައްޔިތުން. މި ރަށުގައި އޮންނަ ކޮންސްޓްރަކްޝަން ކުންފުންޏަކުން އެ މަސައްކަތްތައް ކުރެވޭނެ ގޮތަކަށް. މުޅި ރާއްޖޭގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން މީހުނަކީ ކެލާ މީހުން. އެހެންވީމާ މި ރަށުގައި ހަދާ ހޯލެއް އިމާރާތް ކުރާނެ ކެލާ މީހުން ނެތިއެއް ނުދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކެލައަކީ ދަނޑުވެރިކަން ވެސް ކުރާ ރަށަކަށްވާތީ އެ ދާއިރާގެ ތެރެއިން ވެސް ކައުންސިލުން ކުރެވިދާނެ ކަންކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އެ ގޮތުން ކެލާގައި ހައްދާ މޭވާ ފަދަ ތަކެތި ދަޅުގައި ބަންދުކުރެވޭނެ ގޮތެއް ނުވަތަ ޖޫސް ފުޅި ހަދައިގެން ވިއްކޭނެ ގޮތްތައް ކައުންސިލްތަކުން ކޮށްދޭން ޖެހޭ ކަމަށެވެ.

ކެލާގައި ވެސް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ދެން ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެކަންކަން ކުރަން އެނގޭނެ ޕާޓީއަކީ އެމްޑީޕީ އެކަނި ކަމަށެވެ. އެއީ އެމްޑީޕީގެ ވިސްނުމެއް ކަމަށާއި އެހެން ސިޔާސީ ޕާޓީތަކުގައި އެ ކަން ކުރާނެ ގޮތުގެ ވިސްނުމެއް ވެސް ނޯންނާނެ ކަމަށެވެ.