ހަބަރު

ގްރޫޕް މާރާމާރީއަކާ ގުޅޭ ދެމީހަކު ހައްޔަރުކޮށްފި

މާލޭގައި ގުރޫޕަކުން ޒުވާނަކަށް ހަމަލާދީ މާރާމާރީއެއް ހިންގި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ބޮޑުތަކުރުފާނު މަގުގައި މަރާމާތަށް ބަންދު ކޮށްފައިވާ ފޮރިން މިނިސްޓްރީ އިމާރާތް ކައިރީގައި މި މަހުގެ ނުވަ ވަނަ ދުވަހު ރޭ ދަންވަރު ހުރި މީހަކަށް އެ ގްރޫޕުން ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ފުލުހުންނަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ ހަމަލާގައި ދިވެހި 19 އަހަރުގެ ޒުވާނަކަށް އަނިޔާ ކޮށްފައިވާ ކަމަށެވެ.

މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް އެކެއްގެ ބަންދަށް ފަސް ދުވަސް ދެވަނަ މީހާގެ ބަންދަށް 12 ދުވަސް ކޯޓުން ހޯދާފައިވެ އެވެ.

މި މާރާމާރީގެ ވީޑިއޯ އެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ. ވީޑިއޯގައި ފެންނަނީ އެ ޒުވާނާ ގައިގައި 10 ވަރަކަށް މީހުންގެ ގްރޫޕަކުން ފައިންނާއި އަތުން ތަޅާ މަންޒަރާއި ސައިކަލެއްގައި ގޮސް ޖައްސާ މަންޒަރެވެ.

ހަމަލާ ދިން ގުރޫޕު އެ ސަރަހައްދު ދޫކޮށް ގޮސްފައިވަނީ އެ ތަނަށް ފުލުހަކު ދިއުމުންނެވެ. އަދި އަނިޔާ ލިބުނު ޒުވާނާ ވެސް މަޑުމަޑުން ކޮޅަށް ތެދުވެ ހިނގާލާފައި ދާ މަންޒަރު ވެސް ފެނެ އެވެ.