މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާ އާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ. އަނުޝްކާ މިފަހަރު ކުޅެނީ އިންޑިއާގެ އަންހެން ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ޖޫލާން ގޯސްވާމީގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމެކެވެ.
ހޮނިހިރު ދުވަހު މި ފިލްމުގެ ޝޫޓިން ކަލްކަތާގެ އީޑެން ގާޑްންސްގައި ފެށިއިރު ފިލްމު ސެޓުގައި ގޯސްވާމީ ވެސް ހާޒިރުވެ ހުއްޓެވެ. އަނުޝްކާގެ ފިރިމީހާ އަކީ ވެސް މަޝްހޫރު ކްރިކެޓް ކުޅުންތެރިއަކަށް ވާތީ ކްރިކެޓް ކުޅުންތެރިޔެއްގެ ރޯލު ކުޅެން އަނުޝްކާ އަށް ވަރަށް ފަސޭހަ ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
އަނުޝްކާގެ ހަތަރު ފިލްމެއް 2018 ގައި ރިލީޒް ކޮށްފައި ވެއެވެ. އެއީ "ޕަރީ" އާއި "ސަންޖޫ" އާއި "ސުއިދާގާ" އަދި ޒީރޯ" އެވެ. މީގެ ތެރެއިން "ޕަރީ" އާއި "ސަންޖޫ" އަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ލިބުނުއިރު އަނެއް ދެ ފިލްމު ވީ ފްލޮޕެވެ.
ދެ ފިލްމުގެ ނާކާމިޔާބާއެކު ދުވަސްކޮޅަކު ފިލްމީ މަސައްކަތާ ދުރުގައި ހުންނަން އަނުޝްކާ ގަސްތުކުރި އެވެ. އެގޮތުން ދޮޅު އަހަރެއްހާ ދުވަހު އޭނާ ވަނީ އެއްވެސް ފިލްމެއް ކުޅެން ސޮއި ނުކޮށް މަޑުކޮށްފަ އެވެ. އެ ދުވަސްވަރު އޭނާ ކުރިޔަށް ގެންދިޔައީ އަމިއްލަ ޕްރޮޑަކްޝަން ހައުސް ކަމަށްވާ ކްލީން ސްލޭޓް ހައުސް އިން ޕްރޮޑިއުސްކުރާ ފިލްމުތަކާ ގުޅޭ މަސައްކަތް ތަކެވެ.
އެގޮތުން އަނުޝްކާ ޕްރޮޑިއުސްކުރާ އާ ފިލްމެއް މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. "ބުލްބުލް" ނަމަކަށް ކިޔާ މި ބިރުވެރި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި "ލައިލާ މަޖްނޫ"ގައި ލީޑް ރޯލު ކުޅުނު އަވީނާޝް ތިވާރީ އާއި ޓްރިޕްތީ ޑިމްރީ ވަނީ ހަމަޖައްސާފަ އެވެ. މިހާރު މި ދެ އެކްޓަރުން ވަނީ އެ ފިލްމު ކުޅެން ސޮއިވެސް ކޮށްފަ އެވެ.
އަނުޝްކާގެ އާ ފިލްމުގައި އޭނާއާއެކު ބައިވެރިވާ އިތުރު ތަރިންގެ ނަންތައް އަދި ހާމަކޮށްފައެއް ނުވެ އެވެ.