ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ލިބެނީ 1228 ކެންޑިޑޭޓުންނަށް ކަމަށް އެޕާޓީން ބުނެފި އެވެ.
އެމްޑީޕީގެ ކައުންސިލް ޕްރައިމަރީގައި ވާދަކުރުމަށް 1400 ވުރެ ގިނަ މެންބަރުން ވަނީ ފޯމް ހުށައަޅާފައެވެ. ނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން ބާތިލް ބައެއް 200 އެއްހާ މެންބަރުންގެ ފޯމް ވަނީ ބާތިލްކޮށްފައެވެ.
އެޕާޓީން މިއަދު ވަނީ ކައުންސިލް ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓް އާންމުކޮށްފައެވެ. އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި 1228 ކެންޑިޑޭޓުން ވާދަކުރާއިރު، ރަށު ކައުންސިލްތަކުން އެމްޑީޕީގެ ޓިކެޓް ހޯދުމަށް 1067 މެންބަރުން ވަނީ ފޯމް ހުށައަޅާފައެވެ.
ސިޓީ ކައުންސިލްތަކަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް 108 މެންބަރަކު ފޯމް ހުށައަޅާފައިވާއިރު، އަތޮޅު ކައުންސިލްތަކަށް ވާދަކުރުމަށް އެޕާޓީގެ ޓިކެޓް ހޯދުމަށް 53 މެންބަރަކު ވަނީ ފޯމް ހުށައަޅާފައެވެ.
މާލޭގެ މޭޔަރު ކަމަށް ހަތް ބޭފުޅަކު ވާދަކުރައްވައެވެ. އައްޑޫ ސިޓީގެ މޭޔަރު ކަމަށް ތިން ބޭފުޅަކު ވާދަކުރައްވައެވެ. އަދި ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް ހަތަރު ބޭފުޅަކު ވާދަ ކުރައްވައެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުން
- އަހުމަދު ނިޔާޒް ހ. ޕާޑަންވިލާ
- އާދަމް މަނިކް މއ. ގޮމަށިގެ
- އަނަސް އަބްދުއް ސައްތާރު މ. ބަޑިކުޅިމާގެ
- ޝިފާ މުހައްމަދު ގ. އެޓްނާ
- ޝަމާއު ޝަރީފް މ. ސަނީކޯސްޓް
- އިބްރާހިމް ރަޝީދު މޫސާ ހ. ދޫހިމެރިގެ
- އަބްދުﷲ ސައީދު މ. އަރީޝް
އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުން
- އަހުމަދު އަދުހަމް - ނެސްޕްރޯވިލާ
- އަލީ ނިޒާރު - އެމްޓޭޝަންގެ
- އަބްދުﷲ ސޯދިގް - ކައުސަރު
ފުވައްމުލައް މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުން
- މުހައްމަދު ނިޒާމް ހަސަން - މާލެގަން، މުސްކުޅިގެ
- އަބްދުﷲ ފަލާހް ޝަރީފް - ފުނާޑް، މާނެލް
- އިސްމާއީލް ރަފީގް - ދަނޑިމަގު، އާބާދުގެ
- އަހުމަދު މުހައްމަދު - މިސްކިތްމަގު، ކިލެގެ
އެމްޑީޕީގެ ޕްރައިމަރީގައި މާލޭގެ އެކި ދާއިރާތަކަށް 42 މެންބަރަކު ވަނީ ކުރިމަތިލާފައެވެ. މާލެ ސިޓީއަށް އިންތިހާބު ކުރުމަށް ހަމަޖެހިފައިވަނީ 18 ކައުންސިލަރުންނެވެ.
މާލެ ސިޓީގެ 18 ދާއިރާގެ ތެރެއިން ތިން ދާއިރާއަކަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރަނީ އެންމެ ކެންޑިޑޭޓެވެ. އެ ދާއިރާތަކަކީ ހެންވޭރު އުތުރު، ގަލޮޅު ހުޅަނގު އަދި މާފަންނު ދެކުނު ދާއިރާއެވެ. އެ ނޫން ދާއިރާތަކަށް އެއް ކެންޑިޑޭޓަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރެއެވެ.
މާލެ ސިޓީގައި އެންމެ ވާދަވެރިން ބޮޑީ ހުޅުމާލެ ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާ އަދި ގަލޮޅު މެދު ދާއިރާއެވެ. އެ ތިން ދާއިރާގައިވެސް އެމްޑީޕީގެ ޓިކެޓް ހޯދުމަށް ފަސް ކެންޑިޑޭޓަކު ޕްރައިމަރީގައި ވާދަކުރާނެ އެވެ.
އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.