ޒިމްބާބްވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުފްތީ މެންކު ރާއްޖެ ވަޑައިގެންފި އެވެ.
މުފްތީ މެންކު ރާއްޖެ ވަޑައިގެންފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށެވެ.
މި ދަތުރުފުޅުގެ ތެރެއިން މާލެ، އައްޑޫ އަދި ކުޅުދުއްފުށި ސިޓީގައި މުފްތީ މެންކުގެ ހާއްސަ ދަރުސްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
"ރިލިޖަސް ރިހިބިލިޓޭޝަން" މި މައުލޫއަށް މުފްތީ މެންކް ދެއްވާ ފުރަތަމަ ދަރުސް މިރޭ އޮންނާނީ ކާނިވާ ސްޓޭޖްގައެވެ. ދަރުހުގައި އިސްލާމްދީން މުހިންމުވާ ސަބަބުގެ މައްޗަށް އަލިއަޅުވައި ލައްވާނެ ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ދަރުސް އޮންނާނީ މާދަމާ ރޭ ނޫރާނީ ސްކޫލްގަ އެވެ. ކުޅުދުއްފުށީ ސިޓީގެ ދަރުސް އޮންނާނީ އަތޮޅު ތައުލީމީ މަރުކަޒުގައި މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ގަ އެވެ.
މީގެ އިތުރުން ޒުވާނުންނަށާއި ދީނީ އިލްމުވެރިންނަށް ހާއްސަ ދީނީ ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.
އަދި އަންނަ ހުކުރު ދުވަހުގެ މާލޭގެ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ވެސް މުފުތީ މެންކް ކަމަށެވެ.