ދިވެހި ޕްރެމިއާ ލީގް

ލީގް ކަށަވަރުކުރަން މާޒިޔާއަށް ބާކީ ދެ މެޗު

ށ. ފޯކައިދޫގެ މައްޗަށް 7-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގް ކާމިޔާބު ކުރަން މާޒިޔާއިން ދެ މެޗާ ކައިރިއަށް ޖެހިލާފަ އެވެ.

ކުރިއަށް އޮތް ދެ މެޗުން މާޒިޔާ މޮޅުވެއްޖެނަމަ އެ ޓީމަށް ލީގް ޗެމްޕިއަންކަން ކަށަވަރު ކުރެވޭނެ އެވެ. މިއަދު ކުޅޭ މެޗުން މާޒިޔާ މޮޅުވެ އެ ޓީމު ވަނީ 44 ޕޮއިންޓް ހޯދައި ދެ ވަނައިގައި އޮތް އީގަލްސް އާ 11 ޕޮއިންޓް ފެއަށް ޖެހިލާފަ އެވެ. ކުރިއަށް އޮތް ދެ މެޗު މާޒިޔާއިން ކާމިޔާބު ކުރުމުން، ތިން ވަނަ ބުރުގައި ކުޅެންޖެހޭ ފަސް މެޗު ކާމިޔާބު ކުރި ނަމަވެސް އީގަލްސްއަށް މާޒިޔާ އާ އަރާ ހަމަ ނުކުރެވޭނެ އެވެ.

ލީގް ހޯދުމާ ކައިރިއަށް ދެވުމުން ދޭހަ ކޮށްދެނީ ކޮންކަމެއްތޯ ސުވާލު ކުރުމުން މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮވްސްކީ ބުނީ، އޭނާއަށް އަދިވެސް ފެންނަނީ ބުރަކޮށް މަސައްކަތް ކުރަން ޖެހުން ކަމަށެވެ.

"ނޫސްވެރިންގެ ރަދީފް މި ވެދާނެ [ލީގް ހޯދުމާ] ކައިރިއަށް ދެވުނީ ކަމަށް، އެހެންނަމަވެސް ކޯޗްގެ ރަދީފްގައި މަސައްކަތް މުޅިން ނުނިމެނީސް އަހަރެމެންނަކަށް ކައިރިއަށް ދެވުނީއެކޭ ނުބުނެވޭނެ،" ސްކްލޮވްސްކީ ބުންޏެވެ. "އެ މަސައްކަތް ނިމުނީމަ އަހަރެމެން ތިބޭނީ ކައިރިއަކު ނޫން، އޭރުން އަހަރެމެން ވާނީ ޗެމްޕިއަނުންނަށް, ކައިރިއަށް ދެވުން ނުވަތަ ދުރުވުން އެއީ ނޫސްވެރިންގެ ޓާމެއް، އެހެންނަމަވެސް ކުޅުންތެރިންނާ ކޯޗުންގެ ޓާމްއަކީ މަސައްކަތް ފުރިހަމަ ކުރުން، މިއަދު މި މެޗަށް ފަހު ދެން އޮންނާނީ ކުރިއަށް އޮތް ގުރީން ސްޓްރީޓް މެޗަށް ތައްޔާރު ވުން، އަހަރެމެން ސަމާލުކަން ބަހައްޓާނީ މެޗަކަށް ފަހު މެޗަކަށް."

މިއަދުގެ މެޗުގައި މާޒިޔާގެ ތަރިއަކަށްވީ، ސެއިންޓް ވިންސެންޓްގެ ފޯވަޑް ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) އެވެ. އޭނާ ވަނީ މެޗުގައި ހެޓްރިކް ހަދާފަ އެވެ. މާޒިޔާގެ ފުރަތަމަ ލަނޑު މެޗުގެ 18 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އެވެ. މާޒިޔާގެ ކުޅުންތެރިން ފޯކައިދޫގެ އޭރިއާ ތެރޭގައި ހުރެފައި އިއްބެއަށް ޕާސް ދިނީ އޭރިއާގެ ތެރޭގައި އޭނާ ހުހަށް ހުރުމުންނެވެ. މާޒިޔާގެ ދެ ވަނަ ލަނޑު މެޗުގެ 40 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހަމްޒާ މުހައްމަދު (ހަމްޕް) އެވެ. ލަނޑު ޖެހުމުގެ ކުރިންވެސް އޭނާ ވަނީ ލަނޑު ޖަހާނެ އެހެން ފުރުސަތެއްވެސް ލިބިގެން ގޮސްފަ އެވެ.

ދެ ވަނަ ހާފަުގައި މާޒިޔާއިން ފަސް ލަނޑު ޖެހި އެވެ. ސެކްލޮވްސްކީ ބުނީ ފޯކައިދޫ ދެ ލަނޑުން ފަހަތު އޮތުމުން، ދެ ވަނަ ހާފުގައި އެ ޓީމުން ހަމަލާ އުފައްދަން ކުރިއަށް ކުޅުންތެރިން އިތުރު ކުރާނެކަން އެނގޭ ކަމަށެވެ. އޭގެ ސަބަބުން އެ ޓީމުގެ ފަހަތުން މާޒިޔާއަށް އިތުރު ޖާގަ ލިބިގެންދާނެ ކަމަށް ބަަލައި ދެ ވަނަ ހާފުގައި ކުޅުންތެރިންނަށް އެކަން ވިސްނައިދީފައި ވާނެ ކަމަށެވެ.

މާޒިޔާގެ ތިން ވަނަ ލަނޑު ކޯނޭ ކާމިޔާބު ކުރީ މެޗުގެ 59 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ އޭގެ އެއް މިނެޓް ފަހުންނެވެ. އެ ދެ ލަނޑު ޖެހަން ތަނަވަސްވީވެސް ފޯކައިދޫގެ ޑިފެންސަށް ހެދުނު މިސްޓޭކްތަކުގެ ސަބަބުންނެވެ. އޭނާ ހެޓްރިކް ހެދީ 80 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ. މާޒިޔާގެ ހަތް ވަނަ ލަނޑު 89 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުހައްމަދު އިރުފާން (އިރޭ) އެވެ.

ފޯކައިދޫގެ ކޯޗް އަލީ ނިޝްތާރު މުހައްމަދު ބުނީ، މެޗު ދިޔައީ އޭނާ ހީކުރިވަރަށް ވުރެ ތަފާތު ބޮޑުކޮށް ކަމަށެވެ. ތީމުގެ މުހިންމު ކުޅުންތެރިން މި ޓްރާންސްފާގައި އެހެން ޓީމުތަކަށް ދިޔަ ހިސާބުން އައި ބަދަލުތަކާއެކު ޓީމު އެކުގައި ޕްރެކްޓިސް ކުރެވޭ ގޮތް ނުވާ ކަމަށެވެ. އެހެންނަމަވެސް ކުރިއަށް މެޗުތަކުގައި ކުޅުން ރަނގަޅު ވާނެ ކަމަށް އޭނާ ބުންޏެވެ.