އައްޑޫ ސިޓީ ކައުންސިލް

ނިޒާރުގެ ނުސީދާ ރައްދެއް ސޯބެއަށް

އެެއް ކުލާހެއްގައި ނަތީޖާ ނުނެރެވި 10 އަހަރު ރިޕީޓް ވުމަކީ ތަޖުރިބާ އެއް ނޫން ކަމަށް ވިދާޅުވެ އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ މަޖިލީސް މެންބަރު އަލީ ނިޒާރު، މިހާރުގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ނުސީދާކޮށް ފާޑު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު 2020 ގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް އެޕާޓީގެ ޕްރައިމަރީގައި އެ ދެ ބޭފުޅުންވެސް ވާދަކުރައްވައެވެ.

ނިމިދިޔަ ތިން އަހަރުވެސް އައްޑޫ ސިޓީގެ މޭޔަރުގެ މަގާމު ފުރުއްވާފައިވަނީ ސޯބެއެވެ. އެހެން ކަމުން މޭޔަރުގެ މަގާމުގައި ނުވަ އަަހަރު ސޯބެ ވަނީ ހޭދަކުރައްވާފައެވެ.

ސޯބެއަށް ނުސީދާކޮށް ފާޑު ވިދާޅުވަމުން ނިޒާރު ވިދާޅުވީ އެެއް ކުލާހެއްގައި ނަތީޖާ ނުނެރެވި 10 އަހަރު ރިޕީޓް ވުމަކީ ތަޖުރިބާ އެއްނޫން ކަމަށާ އެއީ ފެއިލް ވުން ކަމަށެވެ. އަދި ސިޔާސީ ކަންކަން ވެސް މި މިންގަޑުން ކިރާލެވިދާނެ ކަމަށް ވިދާޅުވިއެވެ.

18ވަނަ މަޖިލީހުގައި ވަރަށް ހަރަކާތްތެރިކޮށް ފެނިވަޑައިގެން ނިޒާރު، އައްޑޫގެ މޭޔަރަށް ގެނައުމަށް އެ ސިޓީގެ ގިނަ ރައްޔިތުން ދަނީ ކެންޕެއިން ކުރަމުންނެވެ. ނިޒާރު ވިދާޅުވީ އައްޑޫއަށް އޮތީ ވަރަށް ބޮޑު އިހުމާލުކޮށްފައި ކަމަށެވެ. އަދި އެކަން ބަދަލުކޮށް އައްޑޫ ރައްޔިތުންގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ކަމުގެ އައު ދައުރަކަށް ސޯބެ އިންތިހާބު ކުރުމަށްވެސް ގިނަ ބަޔަކު ދަނީ ކެންޕެއިން ކުރަމުންނެވެ.

އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުން

  • އަހުމަދު އަދުހަމް - ނެސްޕްރޯވިލާ
  • އަލީ ނިޒާރު - އެމްޓޭޝަންގެ
  • އަބްދުﷲ ސޯދިގް - ކައުސަރު

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.