ހަބަރު

ގުރޫޕް މާރާމާރީ އާއި ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި

ބޮޑުތަކުރުފާނު މަގުގައި މަރާމާތަށް ބަންދު ކޮށްފައިވާ ފޮރިން މިނިސްޓްރީ އިމާރާތް ކައިރީގައި ބޮޑު ގުރޫޕަކުން މީހެއްގައިގައި ތަޅާ މާރާމާރީ ހިންގި މައްސަލައިގައި އިތުރު ހަ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ޖެނުއަރީ ނުވަ ވަނަ ދުވަހުގެ ރޭ ފޮރިން މިނިސްޓްރީ ކައިރީ މާރާމާރީ ހިންގި މީހުންގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ހަ މީހަކު ހައްޔަރު ކޮށްފައިވަނީ މިއަދު ކަމަށެވެ.

އެ ހަ މީހުންގެ އިތުރުން އިތުރު ދެ މީހަކު ކުރިން ވަނީ ހައްޔަރުކޮށްފައެވެ. އެކަކު މިމަހުގެ 10 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާއިރު، ދެވަނަ މީހާ ހައްޔަރު ކޮށްފައިވަނީ އިއްޔެ އެވެ. މީގެ ތެރެއިން ފުރަތަމަ ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިދީފަ އެވެ. އަދި ދެވަނަ މީހާގެ ބަންދަށް ވަނީ 12 ދުވަސް ޖަހާފަ އެވެ.

މި މާރާމާރީގެ ވީޑިއޯ އެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ. ވީޑިއޯގައި ފެންނަނީ އެ ޒުވާނާ ގައިގައި 10 ވަރަކަށް މީހުންގެ ގްރޫޕަކުން ފައިންނާއި އަތުން ތަޅާ މަންޒަރާއި ސައިކަލެއްގައި ގޮސް ޖައްސާ މަންޒަރެވެ.

ހަމަލާ ދިން ގުރޫޕު އެ ސަރަހައްދު ދޫކޮށް ގޮސްފައިވަނީ އެ ތަނަށް ފުލުހަކު ދިއުމުންނެވެ. އަދި އަނިޔާ ލިބުނު ޒުވާނާ ވެސް މަޑުމަޑުން ކޮޅަށް ތެދުވެ ހިނގާލާފައި ދާ މަންޒަރު ވެސް ފެނެ އެވެ.