ހަތެއް

ދުވާލަކު 74 ރުފިޔާ ނުލިބޭ މީހުން އަތޮޅުތަކުގައި ގިނަ: ރައީސް

މާލެ އާއި އަތޮޅުތަކު ތެރޭގައި ލިބޭ އާމްދަނީގެ ފަރަގު ވަރަށް ބޮޑު ކަމަށާއި އެ ފަރަގު ނައްތާލަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ސިޓީގައި އެމްޑީޕީން މިހާރު ކުރިޔަށް ގެންދާ "ތިލަދުންމަތި އިރުވައި ކޮންފަރަންސް" ގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރަން ބަލައިއިރު މާލެ އާއި އަތޮޅުތަކުގައި ވަރަށް ބޮޑު ތަފާތެއް އެބަ ހުރި ކަމަށާއި ވަޒީފާ އާއި ލިބޭ އާމްދަނީއަށް ބެލިޔަސް ބޮޑު ތަފާތެއް ދައްކާ ކަމަށެވެ. މިނިމަމް ވޭޖާ ބެހޭ ރިޕޯޓުގައި އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ހޯދާފައި ހުރި ހޯދުންތަކަށް ބަލާއިރު އެ ފަރަގު ފެންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ފަގީރުންގެ ގޮތުގައި ގަބޫލު ކުރަނީ ދުވާލަކަށް 74 ރުފިޔާއަށް ވުރެ މަދުން ލިބޭ މީހުން ކަމަށާއި ރާއްޖޭގެ ޒަރޫރީ ބޭނުންތައް ފުއްދަން މަދުވެގެން އެ އަދަދު ލިބެންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. މާލޭގައި އެ އަދަދު ނުލިބޭ މީހުންގެ ޕަސަންޓޭޖަކީ 1.5 ޕަސަންޓު ކަމަށާއި އަތޮޅުތަކުގައި 12.8 ޕަސަންޓު މީހުންނަށް އެވަރުގެ އާމްދަނީއެއް ނުލިބޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ފަރަގު ނައްތާލަން ޖެހޭ. މި ފަރަގު ނައްތާ ނުލެވިއެއް މި ރާއްޖެއަކަށް މި ތަރައްގީއެއް ނުގެނެވޭނެ," ރައީސް ސޯލިހު ވިދާޅުވި އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގައި ވިސްނަން ޖެހޭ ގިނަ ކަންކަން ހުރި ކަމަށާއި ބޮޑެތި ވިޔަފާރިތަކުގައި ވަަޒީފާ އަދާ ކުރާ ފަރާތްތަކާއި ކުދި ވިޔަފާރިތަކުގައި މަސައްކަތް ކުރާ މީހުން ތިބިއިރު އެކި ދާއިރާތަކުގައި ތަފާތުތައް އެބަހުރި ކަމަށެވެ. އަދި މިއަދުގެ ކޮންފަރަންސްގައި އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަކީ މަސައްކަތައް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އަންނަ މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމުން މިނިމަމް ވޭޖް ރޭޓު ކަނޑައެޅުމުގެ ގާނޫނުގެ މަސައްކަތް ފަށަން ވަނީ ނިންމައިފަ އެވެ.