ލައިފްސްޓައިލް

1000 ދުވަހުން 1000 ލަވަ ރެކޯޑްކޮށް ދުނިޔޭގެ ރެކޯޑް ފޮތަށް

ޑުބާއީގައި ދިރއުޅޭ އިންޑިޔާ އަންހެނަކު 1000 ދުވަސްތެރޭ 1،000 ލަވަ ކިޔައި ރެކޯޑް ކޮށްގެން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ. މި ހުރިހާ ލަވައެއް ލިޔެ ކޮމްޕޯސްކޮށް އަދި ކިޔާފައިވަނީ ވެސް ޚުދް މި އަންހެންމީހާ އެވެ.

ސްވަޕްނާ އަބްރަހަމް، 48، އަށް ގޯލްޑަން ބުކް އޮފް ވޯލްޑް ރެކޯޑްސްގެ ހަތަރު އެވޯޑެއް ލިބިފައި ވެއެވެ. މިއީ އޭޕްރީލް 8، 2017 އިން ޖެނުއަރީ 2، 2020 އަށް އޭނާ ކުރި މަސައްކަތުން ހެދުނު ރެކޯޑުތަކެވެ.

މިހާރު ސްވަޕްނާ ތައްޔާރުވަނީ "ޑިޖިޓަލް އަލްބަމެއްގައި އެންމެ ގިނަ ލަވަ" އިގެ ބައިން ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސް އަށް ހުށަހެޅުމަށެވެ.

ޑުބާއީގެ މެނޭޖްމަންޓް ކޮންސަލްޓިން ފާމް އެއްގައި މަސައްކަތްކުރާ ސްވަޕްނާ ބޭނުންވަނީ 1000 ދުވަސް ތެރޭ 1000 ލަވަ ކިއުމުގެ ރެކޯޑާއެކު އޭނާގެ އެތައް އަހަރެއްވީ ލަވަ ކެރިއަރަށް ނިމުން ގެންނާށެވެ.

ސްވަޕްނާގެ ޔޫޓިއުބު ޗެނަލުން މި 1000 ލަވަ ބަލާލެވެން މިހާރުވެސް އެބަހުއްޓެވެ. ސްވަޕްނާ ބުނި ގޮތުގައި އޭނާ މިއުޒިކްގެ ދުނިޔޭގައި ޕްރޮފެޝަނަލް މަސައްކަތްތަކެއް ކުރާތާ 24 އަހަރު ވެއްޖެ އެވެ. އަދި މިހާތަނަށް 22 އަލްބަމް އޭނާ ޕަބްލިޝް ކޮށްފައި ވެއެވެ.

"އަހަރެންނަށް އަދިވެސް އާޓިސްޓެއް އަދި މިއުޒީޝަނެއްގެ ހައިސިއްޔަތުން ހިތްހަމަޖެހުމެއް ނުލިބޭ. އެއީ ކީއްވެ ކަމެއް ނޭނގެ. އެހެންވެ މިއުޒިކްގެ މަސައްކަތް މުޅިން ހުއްޓާލާ އެކަމާ ދުރަށް ދާން ގަސްތުކުރީ. ހަމަ އެ ވިސްނުން އައުމާއެކު ހިތަށް އެރި މިއުޒިކަށް އަލްވަދާއު ކިޔާނީ ވަރަށް އުނދަގޫ ކޮންމެވެސް ކަމެއް ކޮށްފައޭ. އެހެންވެ 1000 ދުވަސް ވަންދެން ދުވާލަކު ލަވައެއް ރެކޯޑްކުރަން ނިންމީ،" ގަލްފް ނިއުސް އަށް ދީފައިވާ އިންޓަވިއު އެއްގައި ސްވަޕްނާ ބުނެފައި ވެއެވެ.