ހަބަރު

ކައުންސިލްތަކުގެ މަޝްރޫއުތަކަށް ސޮވެރިން ގެރެންޓީ ދެނީ

ކައުންސިލް ތަކުން ހިންގަން ހުށަހަޅާ މަޝްރޫއުތަކަށް ސޮވެރިން ގެރެންޓީ ދޭނެ އުސޫލެއް އެކުލަވައިލަން މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ސިޓީގައި އެމްޑީޕީން މިހާރު ކުރިޔަށް ގެންދާ "ތިލަދުންމަތި އިރުވައި ކޮންފަރަންސް" ގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު އަމީރު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު، ކައުންސިލް ތަކަށް މަޝްރޫއުތައް ހިންގުމުގެ ބާރު ލިބިގެން ގޮސްފައިވާ ކަމަށެވެ.

"ހިލޭ އެހީ، ނުވަތަ ގްރާންޓާއެކު، ކައުންސިލަށް އިތުރު ފައިސާ ބޭނުން ވަނީ. އެ ފައިސާ ހޯދަން ފިނޭންސަށް ޕްރޮޕޯސަލް ހުށަހަޅައިގެން ލޯނު ހޯދުމުގެ މެކޭނިޒަމެއް އަޅުގަނޑުމެން ހަމަޖައްސަައި ދޭނަން. މިހާރު ވެސް އަޅުގަނޑުމެން ސަރުކާރު ކުންފުނި ތަކަށް ސޮވެރިން ގެރެންޓީ ދީގެން މަސައްކަތް އެބަ ކުރަން. އެގޮތަށް އުސޫލެއް ކަނޑައަޅާނަން، ކައުންސިލް ތަކަށް ވެސް ގެރެންޓީ ދޭނެ އުސޫލެއް،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކުގެ ބަޖެޓް އަމާޒަކަށް ވެގެން ދާން ވާނީ ރައްޔިތުންނަށް ލިބޭ ފުދުންތެރިކަން އިތުރު ކުރުން ކަމަށާ، މިއާއެކު ކައުންސިލްތައް އިތުރަށް ޒިންމާދާރު ކުރެވޭނެ މެކޭނިޒަމްއެއް ވެސް ތައާރަފު ކުރާނެ ކަމަށެވެ.

"ޕީއެސްއައިޕީ ފަސް މިލިއަން ރުފިޔާ އަށް ވުރެ ދަށުގެ މަޝްރޫއުތައް ރަށު ކައުންސިލްތަކަށް ހިންގޭނެ. އަދި 15 މިލިއަން ރުފިޔާ އިން ދަށުގެ ޕްރޮޖެކްޓްތައް ސިޓީ ކައުންސިލް ތަކަށް ހިންގޭނެ. ކައުންސިލް ތަކުން ކޮންމެ އަހަރަކު މެދު ރާސްތާގެ ބަޖެޓެއް ހުށަހަޅަން ވާނެ. މިއާއެކު ހަރަދުތައް ބަލަހައްޓަން ވާނެ،" އަމީރު ވިދާޅުވި އެވެ.