ހަބަރު

މިދިޔަ އަހަރު ކޯޓުތަކުގެ ކްލިއަރެންސް ރޭޓަކީ 101.8 ޕަސެންޓު

މިދިޔަ އަހަރު މުޅި ޝަރުއީ ދާއިރާގައި ހިމެނޭ ހުރިހާ ކޯޓުތަކުގެ ޖުމުލަ ކްލިއަރެންސް ރޭޓަކީ 101.8 ޕަސެންޓު ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ. ކޭސް ކްލިއަރަންސް ރޭޓަކީ ޝަރުއީ ކޯޓުތަކުގެ މަސައްކަތް މިންކޮށް ވަޒަން ކުރަން ގެންގުޅޭ ރޭޓެކެވެ.

ޑީޖޭއޭ އިން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު މަތީ މަރުހަލާ ކޯޓުތަކަށާއި ސުޕީރިއާ ކޯޓުތަކަށް ހުށަހެޅިފައި ވަނީ ޖުމްލަ 10،361 މައްސަލަ އެކެވެ. އަދި 2018 ވަނަ އަހަރު ނިމުނުއިރު އެ ކޯޓުތަކުގައި ނުނިމޭ 5862 މައްސަލައަކާއި އެކު ޖުމްލަ 16،223 މައްސަލައެއް މިދިޔަ އަހަރު ހިނގާފައިވެ އެވެ.

އޭގެ ތެރެއިން 10،724 މައްސަލައެއް ނިމިފައިވާ ކަމަށް ޑީޖޭޭއޭގެ ހިސާބުތަކުގައ ދައްކަ އެވެ. އެގޮތުން މިދިޔަ އަހަރު އެ ކޯޓުތަކަށް ހުށަހެޅުނު މަައްސަލަތަކުގެ ޖުމުލައަށް ވުރެ ނިންމި މައްސަލަތަކުގެ ޖުމުލަ ގިނަ ކަމަށްވާތީ އެ އަހަރުގެ ކްލިއަރަންސް ރޭޓަކީ 103.5 ޕަސަންޓު ކަމަށް ޑީޖޭއޭގެ ހިސާބުތަކުން ދައްކަ އެވެ. އެއީ 2018 ވަނަ އަހަރުގެ ކްލިއަރަންސް ރޭޓާ އަޅައި ބަލާއިރު 8.6 ޕަސަންޓުގެ ކުރިއެރުމެކެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އަލަށް 10،624 މައްސަލަ ހުށަހެޅިފައިވާއިރު 2018 ވަނަ އަހަރު އެ ކޯޓުތަކުގައި ނުނިމި ހުރި 4284 މައްސަލަ އާއެކު 14،908 މައްސަލައެއް މިދިޔަ އަހަރު ހިނގާފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

އޭގެ ތެރެއިން 10634 މައްސަލަ ނިމިފައިވާ ކަމަށާއި އެގޮތުން މިދިޔަ އަހަރުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކްލިއަރަންސް ރޭޓަކީ 100.1 ޕަސަންޓު ކަމަށް ޑީޖޭއޭ އިން ބުނެ އެވެ. އެއީ 2018 ވަނަ އަހަރާ އަޅައިބަލާއިރު 0.5 ޕަސަންޓު ކުރިއެރުމެއް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އެގޮތުން މިދިޔަ އަހަރު މުޅި ޖުމުލަ ޝަރުއީ ދާއިރާގެ ހިމެނޭ ކޯޓުތަކުގެ ކްލިއަރަންސް ރޭޓަކީ 101.8 ޕަސަންޓު ކަމަށާއި އެއީ 2018 ވަނަ އަހަރާ އަޅައިބަލާއިރު 4.5 ޕަސަންޓުގެ ކުރިއެރުމެއް ކަމަށް ޑީޖޭއޭ އިން ބުންޏެވެ.