ޕޮލިޓިކްސް

ނިޒާމު ހިންގަން ނޭނގޭ ބަޔަކު ވާދަނުކޮށް ގޭގައި މަޑުކޮށްލާ: ޝިއްޕެ

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލައި ކައުންސިލަރުންގެ ބާރު ކަނޑުވާލި ކަމަށާއި ލާމަރުކަޒީ ނިޒާމު ހިންގަންވާ ގޮތަށް ހިންގަން ނޭނގޭ އެފަދަ ފަރާތްތަކުން ކައުންސިލް އިންތިހާބުގައި ވާދަ ނުކުރުން މާ ރަނގަޅު ވާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން އެމްޑީޕީން ހދ. ކުޅުދުއްފުށި ސިޓީގައި ކޮންފެރެންސްއެއް މިއަދު ވަނީ ފަށާފަ އެވެ. އެ ކޮންފެރެންސްގެ ތާވަލުގައި ކުރީގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާއި ކައުންސިލަރުންގެ ބާރު ހަނި ކުރުމަށް ކޮށްފައިވާ ކަންތައްތައް ކިޔައިދިނުން ހިމެނި އެވެ.

ތާވަލުގެ އެ ބައި ކުރިއަށް ގެންގޮސްދިނީ ރައީސް އޮފީހުގެ މިނިސްޓަރު ކަން ވެސް ކުރައްވާ ޝިއްޕެ އެވެ. އޭނާގެ ވާހަކަފުޅުގައި ވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ލާމަރުކަޒީ ނިޒާމުން ގައުމު ހިންގައި، ކައުންސިލްތައް ބާރުވެރި ކުރުމުގެ ފިކުރު އޮތީ ހަމައެކަނި އެމްޑީޕީގައި ކަމަށް އޭނާ ތަކުރާރުކޮށް އެތައް ފަހަރަކު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި ކައުންސިލްތަކުގެ ހުރިހާ އިދާރީ ކަމެއް ހިންގުން ހަވާލުކުރީ އެ ކައުންސިލްތަކަށް ސިވިލް ސާވިސްގެ މަގާމެއްގެ ގޮތުގައި އައްޔަން ކުރާ ޒިންމާދާރުވެރިޔާ ކަމަށް ޝިއްޕެ ވިދާޅުވި އެވެ. އެއީ ސިވިލް ސާވިސްގެ މަގާމަކަށް ވިޔަސް އޭރު ޒިންމާދާރުވެރިޔާގެ މަގާމަށް އާންމުކޮށް އައްޔަން ކުރީ ރައީސް ޔާމީންގެ އެޖެންޓުން ކަމަށް ވެސް ޝިއްޕެ ވިދާޅުވި އެވެ.

"ކައުންސިލްތަކުގައި ހުންނާނެ ޒިންމާދާރުވެރިޔާ، އެއީ ސިވިލް ސާވިސް މީހަކު ވިޔަސް ހުންނަނީ ޔާމީންގެ އެޖެންޓެއް، ދެން އޭނާއާ ހިންގުން ހަވާލުކޮށްފައި އޮތީ، އެމްޑީޕީ ކައުންސިލެއް، އެކަމަކު ހިންގަނީ ޕީޕީއެމްގެ އެންމެ މީހަކު ހުރެގެން،" ޝިއްޕެ ވިދާޅުވި އެވެ.

ބައެއް ކައުންސިލަރުން ރާއްޖެ ވަޑައިގެން އުޅުއްވާ ބޭރުގެ ބައެއް އިސްވެރިންނާ ބައްދަލު ކުރުމުންނާއި އަދި ސަރުކާރުން ކުރާ ކަމެއް ގޯސްކޮށް ނޫސްބަޔާން ނެރެގެން ވެސް އޭރުގެ ސަރުކާރުގައި ސަސްޕެންޑްކޮށްފައިވާ ކަމަށް ޝިއްޕެ ވިދާޅުވި އެވެ. ޝިއްޕެ ފާހަގަ ކުރެއްވި ގޮތުގައި ސަސްޕެންޑް ކުރި ކައުންސިލަރުންގެ އަދަދު 108 އަށް އަރަ އެވެ.

ހަމައެކަނި ކައުންސިލްތަކުގެ އިހުތިސޯސްގެ ތެރެއަކަށސް ނޫން، ކައުންސިލަރުގެ އިހުތިސޯސްގެ ތެރެއަށް ވެސް ވަދެގަތް، 108 ކައުންސިލަރުން ސަސްޕެންޑް ކުރި، އެ 108 ކައުންސިލަރުން މި އިންތިހާބުގައި ޖެހޭނެ ކުރިން އެއްވެސް އިންތިހާބެއްގައި ނުކުރާ ވަރަށް މަަސައްކަތްކޮށްލަން، އޭރު ކުރިމަތިކުރުވި ދަތިތައް ރައްޔިތުންނަށް ސާފުކޮށް ކިޔައިދޭން،" ޝިއްޕެ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ތާރީހަށްވުރެ އެތައް މަހެއްް ފަހުން ބޭއްވިފައިވާ ކަން ފާހަގަ ކުރައްވައި ޝިއްޕެ ވިދާޅުވީ މި ފަހަރުގެ އިންތިހާބުގައި އެފަދަ ހާލަތެއްގައި އެއްވެސް ކައުންސިލަކަށް އުޅޭކަށް ނުޖެހޭނެ އެވެ. ލާމަރުކަޒީ ގާނޫނަށް ހަތް ފަހަރު މަތިން ބަދަލު ގެނެސް ކައުންސިލަރުންގެ އަދަދާއި މުސާރަ ކުޑަކޮށް ބާރުތައް ހަނިކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީ ނޫން އެހެން ޕާޓީތަކުން ކައުންސިލް އިންތިހާބަށް ނުކުމެ އުޅެނީ އެހެން ގޮތެއް ނެތިގެން މަޖުބޫރު ވެގެން ކަމަށެވެ. ލާމަރުކަޒީ ނިޒާމަކީ އެހެން ޕާޓީތަކުން ގަބޫލު ކުރާ ފިކުރުތަކުގައި ހިމެނޭ ނިޒާމެއް ވެސް ނޫން ކަމަށާއި އެއިން އެއްވެސް ޕާޓީއަކުން މި އިންތިހާބުގައި ބައިވެރިނުވެ "ގޭގައި މަޑުކޮށްލަން" ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.