ރައީސް މުހައްމަދު ނަޝީދު

އިދިކޮޅުން ދައްކަނީ ގައުމު ހަލާކު ކުރާ ސިފަ: ނަޝީދު

އިދިކޮޅު ކޯލިޝަންގެ ދެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ދައްކަމުން ގެންދަނީ ގައުމު ހަލާކުކޮށް ފިތުނަ އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސިފަތަކެއް އެކަނި ކަމަށް އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގަން ދަންނަ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އެމްޑީޕީއާ ވާދަވެރި ޕާޓީތަކުން، ހާއްސަކޮށް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ކޯލިޝަނަށް އެކަން ކުރަން ނޭނގޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުގައި އެންމެ ފަރިތަކަމާއެކު ކުރެވޭ ކަމަކީ އެމްޑީޕީގެ މެންބަރުންނާ ދިމާއަށް "ލާދީނީ" އޭ ގޮވުމެވެ. ނަމަވެސް އެއީ ރާއްޖެގެ އެއްވެެސް ބަޔަކު ގަބޫލު ކުރާ ވާހަކަތަކެއް ނޫންކަން މިދިއަ އިންތިހާބުތަކުން މިހާރު ސާފުވާނެ ކަމަށެވެ.

ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކޮށްދޭނެ ކަންކަމުގެ ވާހަކަ އިދިކޮޅު ކޯލިޝަންގެ އިސް ވެރިންނަށް އިންތިހާބުތަކުގައި ނުދެއްކޭ ކަމަށާއި ހާއްސަކޮށް ކައުންސިލްތައް މަދުވެރިކޮށް ކޮށްދެވޭނެ ކަންކަމުގެ ވާހަކަ މިހާތަނަށް ބޭއްވި އެއްވެސް ކައުންސިލް އިންތިހާބަކާ ދިމާކޮށް ނުދެއްކުނު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އިދިކޮޅަށް ކުރަން ދަންނަ މަސައްކަތަކީ މީހުންގެ މެދުގައި އެމްޑީޕީއަށް ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރުން ކަމަށެވެ އެކަން ކާމިޔާބު ނުވާނެކަން ވެސް ވަރަށް ބޮޑަށް ސާފުވާނެ ކަމަށެވެ.

"ގައުމެއް ހަލާކު ވެގެންދާނެ ހުރިހާ ސިފަތަކެއް އެ ބޭފުޅުންގެ ސިޔާސީ ހަރަކާތްތަކުގައި ދައްކަމުން އެ ގެންދަނީ. ނަސްލީ އިމްތިޔާޒުގެ އެންމެހައި ސިފަތައް އެ ބޭފުޅުންގެ ވާހަކަތަކުން، ކޮންމެ ހަރަކާތަކުން ފެންނަމުން ދަނީ، ރައްޔިތުންނަށް މާ ބޮޑަށް ސާފުވަމުން މި ދިޔައީ މި ބޭފުޅުންނަކީ ހަމައެކަނި ފިތުނަފަސާދަ އުފައްދަވާ ބޭފުޅުންކަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.