ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ނާއިބު ރައީސް އަދި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލ ވާދަ ކުރަން ނިންމާފައިވާ ކަމުގެ އިޝާރާތެއް ދެއްވައިފި އެވެ.
ނިމާލްގެ ފޮޓޯ ޖެހި ކެމްޕެއިން ޕޯސްޓަރަކާއެކު ނިމާލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުންމީދީ ބަދަލަކަށް ދަތުރެއް ފަށަން ރައްޔިތުންގެ އަތުގައި ހިފުމުގެ ވިސްނުމުގައި މިސްރާބު އަމާޒުވާން ފަށާފައިވާ ކަމަށެވެ. އަދި ރަައްޔިތުން ދާން ބޭނުންވާ މަންޒިލަކަށް އޭނާ ގޮވައިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ނިމާލް ވިދާޅުވި އެވެ.
ނިމާލް މިހެން ވިދާޅުވި ނަމަވެސް އޭނާ ވާދަ ކުރައްވަނީ ކޮން ދާއިރާއަކަށް ކަމެއް ނުބުނެ އެވެ. އެކަމާ ގުޅޭ ގޮތުން ބަހެއް ހޯދަން އޭނާގެ ފޯނަކަށް ވެސް ނުގުޅެ އެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހަޅަން ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ހުޅުވާލައިފަ އެވެ.