ސީއެޗްއެސްއީ

41 އަހަރަށް ފަހު ސީއެޗްއެސްއީ ހުޅުމާލެއަށް

އޭލެވެލަށް ކިޔަވައިދޭން ހާއްސަ ކޮށްފައިވާ ސްކޫލް، ސެންޓާ ފޮ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ހުޅުމާލެ އަށް ބަދަލު ކުރަން ސަރުކާރުން ނިންމައިފި އެވެ.

މި ބަދަލު ގެނައުމަށް ސަރުކާުރުން ނިންމި އިރު ސީއެޗްއެސްއީ އަލުން އިމާރާތް ކުރުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލު ކޮށްފައި ވެއެވެ.

އަވަސް އަށް ޔަގީންވެފައިވާ ގޮތުގައި މި އިމާރާތް ހުޅުމާލެ އަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެހެންވެ އާރްސީސީން މާލޭގައި ފެށި އާ އިމާރާތުގެ މަސައްކަތް މިވަގުތު ވަނީ ހުއްޓާލާފަ އެވެ.

ކޮންމެ އަހަރަކުވެސް 1500 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާ މި ސްކޫލު ބަދަލު ކުރަނީ ހުޅުމާލޭގެ ކޮން ސަރަހައްދަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.

ސީއެޗްއެސްއީގައި އަށް ބުރީގެ އިމާރާތެއް އަޅަން އާރުސީސީއާ ހަވާލު ކުރީ އޮކްޓޫބަރު 17، 2019 އިގަ އެވެ. އެ މަސައްކަތް ދިނީ 33 މިލިއަން ރުފިޔާ އަށް 420 ދުވަހުގެ ތެރޭގައި ނިންމާށެވެ.

ކުރިން ސައިންސް އެޑިއުކޭޝަން ސެންޓަރު (އެސްއީސީ) ގެ ނަމުގައި ސީއެޗްއެސްއީ ހުޅުވީ 1979 ވަނަ އަހަރު އެވެ. 47 ދަރިވަރުންނާއެކު އެސްއީސީ ހުޅުއްވައި ދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެވެ. އޭރު ހުންނެވީ އެމެރިކާގެ ޕްރިންސިޕަލެކެވެ.

ސާޅީސް އަހަރަށް ވުރެ ގިނަ ދުވަސްވީ އެ ސްކޫލން ގައުމީ ވަނަތައް ހޯދާފައިވާ އެތައް ދަރިވަރުންނެއް ދަސްވެނިވެ ގައުމަށް ހިދުމަތް ކުރަމުންދެ އެވެ. އެސްއީސީގެ ނަން ސީއެޗްއެސްއީ އަށް ބަދަލު ކުރީ 2001 ވަނަ އަހަރު އެވެ.