ދުނިޔެ

ފަސް މަހަށްފަހު ކަޝްމީރަށް އިންޓަނެޓް ހިދުމަތް ދީފި

ޖަންމު އާއި ކަޝްމީރަށް އިންޓަނެޓް ކަނޑާލަފައި އޮތުމަށް ފަހު ފަސް މަހަށް ފަހު ފުރަތަމަ ފަހަރަށް މިއަދު އިންޓަނެޓްގެ ހިދުމަތް ދީފި އެވެ.

މިއަދު އިންޓަނެޓް ހިދުމަތް ދީފައި ވަނީ، ކަޝްމީރުގެ ބައެއް ސަރަހައްދުތަކަށެވެ. އެގޮތުން ހޮސްޕިަޓަލް ތަކަށާއި ބޭންކް އަދި ސަރުކާރުގެ އޮފިސްތަކުގެ އިތުރުން ޓުއަރިސްޓް އޭރިއާތަކަށް ޓޫޖީ އިންޓަނެޓް ހިދުމަތް ވަނީ ފޯރު ކޮށްދީފަ އެވެ. އިންޓަނެޓްގެ ހިދުމަތް ދޫކުރިނަމަވެސް ސޯޝަލް މީޑިއާ ވަނީ ބްލޮކް ކޮށްފަ އެވެ.

އިންޑިއާގެ ސްޕްރީމް ކޯޓުން މިދިޔަ ހަފުތާގައި އަމުރު ނެރެފައިވަނީ، ކަޝްމީރުން އިންޓަނެޓް ކަނޑާލުން ގާނޫނާ ހިލާފް ކަމަށެވެ. އަދި އިންޑިއާގެ މައި ސަރުކާރުގެ ކޮންޓްރޯލް އޮންނަ ސަރަހައްދީ ސަރުކާރަށް ވަނީ އެކަން ރިވިއު ކުރުމަށް އަންގާފަ އެވެ.

ކަޝްމީރުގެ އިންޓަނެޓްގެ ހިދުމަތް ކަނޑާލީ އިންޑިއާގެ ސަރުކާރުން އެ ސަރަހައްދަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގޮތުންނެވެ. އިންޓަނެޓްގެ ހިދުމަތް ކަނޑާލި އިންޓެނެޓް މެދުވެރިކޮށް މުއާމަލާތްކޮށްގެން ޓެރަރިސްޓް ހަމަލާ ދިނުމަށް ރާވާ ކަމަށް ބުނެ އެވެ. އިންޓްނެޓް ކަނޑާލީ މިދިޔަ އަހަރު އޯގަސްޓް ފަސް ވަނަ ދުވަހު އެވެ.

ކަޝްމީރުންގެ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތާއީދު ކުރަނީ އިންޑިއާގެ ބާރުން މިނިވަންވެ ކަޝްމީރު ވަކި ދައުލަތެއް އުފެއްދުމަށެވެ. އެހެންނަމަވެސް ކަޝްމީރަށް މިނިވަންކަން ދޭން އިންޑިއާއިން ދެކޮޅު ހަދަ އެވެ. މިދިޔަ އަހަރު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ކަޝްމީރު އިދާރީ ގޮތުން ދެބައި ކޮށްލައި އިންޑިއާގެ މައިސަރުކާރުން ބަލަހައްޓާ ދެ ޓެރިޓަރީ ކަމަށް ހަދާފަ އެވެ. އަދި ކަޝްމީރަށް އިންޑިއާގެ ގާނޫނު އަސާސީން ދީފައިވާ ހާއްސަ ހައިސިއްޔަތު ވަނީ އުވާލާފަ އެވެ. އެ ހައިސިއްޔަތު ގެ ދަށުން ޖަންމު އާއި ކަޝްމީރުގެ ގެ ބިންތައްވިއްކުން މަނާ ކުރެ އެވެ. އެހެންނަމަވެސް އެކަން ބަދަލު ކުރުމުން އާންމު ގޮތެއްގައި ކަޝްމީރުގެ ބިންތައް ގަނެވޭނެ އެވެ.

އިންޑިއާގެ މަޖިލީހުން އެގޮތަށް ފާސް ކުރުމުން ކަޝްމީރުގެ ރައްޔިތުންގެ ރުޅިވެރިކަން އިތުރުވެ، މައި ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް ނުކުތުމުން އިންޑިއާ ސަލާމަތީ ބާރުތަކުން ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރި އެވެ.