ހަލުއި ދުވެލީގައި ދަތުރު ކުރާނެ ކަނޑު އުޅަނދުފަހަރުތަކަކާއެކު އެއް ރަށުން އަނެއް ރަށުން ދަތުރުފަތުރު ކުރަން ސަރުކާރުން ޕްލޭންކޮށްފައިވާ އާ ނިޒާމުގެ ބައެއް ތަފުސީލުތައް ހާމަކޮށްފި އެވެ.
ހދ. ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން ކުރިއަށް ގެންދާ "ތިލަދުންމަތި އިރުވައި ކޮންފެރެންސް" ގައި ވާހަކަފުޅު ދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މި އަހަރުގެ ތެރޭގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި އޮތް ދަތުރުފަތުރުގެ ނިޒާމުގެ ހިދުމަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހެދި ނިމިފައިވާ ކަމަށެވެ.
އުތުރުގެ އަތޮޅުތަކަށް ހާއްސަކޮށް ކުރިއަށް ގެންދާ އެ މާހާސިންތާގައި އަސްލަމް ވިދާޅުވީ ޕްލޭންގައި ރާވާފައިވާ ގޮތަށް ދަތުރުފަތުރުގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭތޯ ބެލުމަށް އެ ހިދުމަތް އެންމެ ފުރަތަމަ ފަށާނީ އެންމެ އުތުރުގެ ތިން އަތޮޅު ކަމުގައިވާ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގައި ކަމަށެވެ. އަދި ވިދާޅުވީ ޕްލޭންގައި ލަފާ ކޮށްފައިވާ ގޮތަށް ކާމިޔާބު ކަމާއެކު ކުރިއަށްދޭތޯ ފުރަތަމަ ހަ މަސް ދުވަހު ބެލުމަށް ފަހު، އިސްލާހު ކުރަންޖެހޭ ކަންކަން ފަހުން ކުރާނެ ކަމަށެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ލަހުން ދަތުރު ކުރާ ކަނޑުގެ އުޅަނދުފަހަރު ބޭނުން ނުކުރާނެ ކަމަށާއި ބޭނުން ކުރާނީ ހަލުވި ދުވެލީގައި ދަތުރު ކުރެވޭނެ ހައި ސްޕީޑް ލޯންޗު ފަހަރު ކަމަށެވެ. އެ ގޮތުން ބޭނުން ކުރާނީ ގާތްގަނޑަށް 30 މީހުން ޖާގަ ހުންނަ އަދި އެންމެ ދަށްވެގެން ވެސް ގަޑިއަކު 30 ނޯޓިކަލް މޭލަށް ދަތުރުކުރާ އުޅަނދުތައް ކަމަށެވެ.
"އަޅުގަނޑުމެން ނިންމިން ހައި ސްޕީޑް ފްރެކިއުންޓީ ފެރީ ސާވިސްއެއް ގެންނަން. ދެ އިންޖީނުލީ އުޅަނދެއްގައި ޕަޓަޕަޓާގައި ދިވެހިން ދަތުރު ކުރާކަށް ބޭނުމެއް ނުވޭ. އެއަށްވުރެ މާ ހަލުއިކޮށް އުޅެނީ. އެހެންވީމާ އެއަށްވުރެ މާ ހައި ސްޕީޑް ސާވިސްއަށް ވާން ޖެހޭ. އަޅުގަނޑުމެންގެ މިނިމަމް ސްޕީޑަކީ ގަޑިއަކަށް 30 ނޮޓިކަލް މޭލު."
މިނިސްޓަރު އަސްލަމް ކޮންފެރެންސްގައި ހުށަހެޅުއްވި ދަތުރުފަތުރުގެ ނިޒާމުގެ ޕްލޭންގައިވާ ގޮތުން، ތިން ލިންކަކަށް އެ ނިޒާމުގެ ފެރީގެ ދަތުރުގެ ހިދުމަތް ދެވިގެން ދާނެ އެވެ. ފުރަތަމަ ލިންކަކީ އަތޮޅުގައި ހިދުމަތްތައް ހޯދުމަށް ކޮންމެހެން ދަތުރު ކުރަން ޖެހޭ ރަށްރަށަށް ދެވޭ ގޮތަށް އޮންނަ ލިންކެކެވެ. އެ ލިންކްގައި އެ ރަށުން އަނެއްް ރަށަށް އެންމެ ދިގުވެގެން ހޭދަވާނެ ކަމަށް ޕްލޭންގައި ބަލާފައި ވަނީ އެއް ގަޑިއިރު ކަމަށެވެ.
ދެން އާންމު ގޮތެއްގައި ހިދުމަތް ހޯދަން ދަތުރު ކުރަން ނުޖެހޭ ރަށްރަށަށް ވެސް ދަތުރު ކުރެވޭ ގޮތަށް ލިންކެއް ގާއިމު ކުރަން ވިސްނާފައިވެ އެވެ. އެ ލިންކްގައި ރަށްރަށަށް ދަތުރުކުރާއިރު އެއް ދުވަހަށް ރަށެއްގައި މަޑުކުރަން ޖެހިދާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެ ލިންކްގައި އެ ރަށުން އަނެއް ރަށަށް ދަތުރު ކުރާން އެންމެ ދިގުވެގެން ހޭދަވާނެ ކަމަށް ބަލާފައި ވަނީ ގަޑިއިރަކާއި 15 މިނެޓް ކަމަށެވެ.
ތިންވަނަ ލިންކަކީ ހައިވޭ ލިންކެވެ. އެއީ ސަރަހައްދެއްގައި ހިމެނޭ އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރު ކުރާ ލިންކެވެ. މި ލިންކުގައި ކަނޑައަޅާ ރޫޓެއްގައި ދަތުރު ކުރާނީ ދުވާލަކު އެއް ފަހަރު ކަމުގައި ޕްލޭންގައި ކަނޑައަޅާފައިވެ އެވެ. އެ ލިންކްގައި ދަތުރު ކުރާއިރު ތާވަލެއްގެ ދަށުން އަތޮޅުތަކުގެ ރަށްރަށުގައި މަޑުކުރަމުންދާ ގޮތަށް ދަތުރު ކުރާނެ ކަމަށް އަސްލަމް ފާހަގަކުރެއްވި އެވެ.
"ކަސްޓަމާ ސާވިސްއަށް ބަލާއިރުގައި ދެން މި ޒަމާނުގައި މި ހުންނަ ފަސޭހަތައް، އެ ހުންނަ އިލެކްޓްރޯނިކް ޓިކެޓްތައް ދޫކުރެވެން ޖެހޭނެ، ދަތުރަށް އަރާ އިންނައިރު އޭނާ ހިތްހަމަޖެހިގެން އިނދެވެން ޖެހޭނެ، ފަސޭހަކޮށް އިނދެވެން ޖެހޭނެ، އެ މީހާއަށް ކޮމްފޯޓް ފީލް ވާން ޖެހޭނެ، އަޅުގަނޑުމެން މި ސާވިސް ކުރިއަށް ގެންދެވޭ ގޮތް މޮނިޓާކޮށް ބަލަމުން ގެންދާނީ ވެސް،" އަސްލަމް ވިދާޅިވި އެވެ.
އަސްލަމް ހުށަހެޅުއްވި ޕްލޭންގައި ލަފާކޮށްފައި ވަނީ ހަމައެކަނި މީހުން އުފުލާ އުޅަނދުތަކަށް އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޕްލޭނަށް ސަރުކާރުގެ ކެބިނެޓުން ލަފާ ދީފައި ވަނީ މުދާ އުފުލޭ ގޮތަށް ދަތުރު ކުރެވޭނެ އުޅަނދުތަކެއް ވެސް ނިޒާމުގެ ތެރޭގައި ހިމަނަން ކަމަށާއި އޭގެ އިތުރު އުޅަނދުތަކާއެކު މިހާރު އޮތް ޕްލޭން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުގެ ވިސްނުން ހުރީ މިއީ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެކޭ. މި ކަމަށް ފައިދާއެއް ނުވިޔަސް ސަބްސިޑައިޒް ކޮށްގެން ވިޔަސް މި ކަން ކުރަން ޖެހޭނަމަ އަޅުގަނޑުމެން މި ކަމެއް ކުރާނަން. އަޅުގަނޑުމެން ނިންމާފައި ވަނީ ފުރަތަމަ ހަ މަސް ދުވަހު ޓެސްޓްކޮށް ކުރިއަށް ގެންދަން، އޭގެ ފަހުން ސަބްސިޑައިޒް ކުރާނެ ވަރެއް ވެސް އެނގޭނީ،" އަސްލަމް ވިދާޅުވި އެވެ.