ހަބަރު

"ދެ ރައީސުންގެ މެދަށް ވަންނަ މީހުން ތިބީ ސަރުކާރުގައި"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދެމެދަށް ވަންނަ މީހުން ތިބީ ޕީޕީއެމްގައި ނޫން ކަމަށައި އެ މީހުން ތިބީ ސަރުކާރުގެ ތެރޭގައި ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު، އާދަމް ޝަރީފް މިހެން ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިން ދަތުރުގެ ތެރޭ ހދ. ނޮޅިވަރަމްގައި ވާހަކަފުޅު ދައްކަވަމުން ދެ ރައީސުންގެ ދެމެދަށް ޕީޕީއެމްއަށް ނުވަދެވޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ. އެ ރަށުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ރައީސް ސޯލިހު ދުވަހަކު ވެސް ދުރު ނުކުރެވޭނެ ކަމަށެވެ.

އެއަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގައި ޝަރީފު ވިދާޅުވީ ޕީޕީއެމާއި ޕީއެންސީން ދެ ރައީސުންގެ ދެމެދަށް ވަންނާކަށް ނުޖެހޭ ކަމަށާއި އެކަން ކުރާ މީހުން ތިބީ ވެސް ސަރުކާރުގެ ތެރޭގައި ކަމަށެވެ.

އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މުހިންމީ ދެ ރައީސުންގެ ޑްރާމާ ބެލުން ނޫން ކަމަށާއި އެއަށްވުރެ ބޮޑަށް ސަރުކާރުން ކައުންސިސލް އިންތިހާބަށް ފޯރުވާ ނުފޫޒު ކުޑަވާނެ ގޮތަކަށް މަސައްކަތް ކުރުން މާ މުހިންމު ކަމަށެވެ.