އާލިއާ ބަޓް

ގަންގޫބާއީ: ބާންސާލީ އެންމެ އަވަސް ފިލްމު

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކުރާ "ގަންގޫބާއީ ކަތިއާވަޅީ" ގެ ޝޫޓިން ފާއިތުވީ އަހަރުގެ ޑިސެމްބަރުން ފެށިގެން ކުރިޔަށް އެބަދެ އެވެ. މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު 11 ވަނަ ދުވަހު އެވެ.
އެހެންކަމުން ފިލްމު ފެށުމާއި ނިންމައި ރިލިޒްކު ރުމާ ދެމެދު ހޭދަވާނީ ނުވަ މަސް ދުވަހެވެ.

އާލިއާ ބަޓް އެންމެ މުހިއްމު ރޯލު އަދާކުރާ މި ފިލްމަކީ ބާންސާލީ މިހާތަނަށް އުފައްދާ އެންމެ އަވަހަށް ނިންމާ ފިލްމަށް ވަނީ މިހާ ކުރު މުއްދަތެއްގައި ފިލްމު ރިލީޒް ކުރާތީ އެވެ. މި ފިލްމު ފަށާކަން ބާންސާލީ އިއުލާންކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

އާންމުކޮށް ބާންސާލީ ފިލްމެއް ނިންމަން ދޮޅުއަހަރު ދެ އަހަރެއް ނަގަ އެވެ. އަދި "ދޭވްދާސް" އުފައްދަން މިއަށް ވުރެ ވެސް މާ ގިނަ ދުވަސް ނެގި އެވެ. އެއީ ފިލްމަށް ކުރިމަތިވީ ވަރަށް ގިނަ މައްސަލަތަކާ ހެދި އެވެ.

މިފަހަރު ބާންސާލީ ވަނީ ވަރަށް ފަރުވާތެރިކަމާއެކު ދުރާލާ ހުރިހާ ކަމެއް ރާވާފަ އެވެ. ސަބަބަކީ ސަލްމާން ޚާނާއެކު އުފައްދަން ހަމަޖެހިފައި އޮތް "އިންޝާﷲ" އުފެއްދޭ ގޮތް ނުވުމުން ކޮންމެހެން ވެސް މި ފިލްމު ރިލީޒް ކުރަން ބާންސާލީ ބޭނުންވެފައި ހުރި މިންވަރުންނެވެ.

ބާންސާލީއަކީ އެއްވެސް މީހަކާ ހަނގުރާމަ ކުރަން ބޭނުންވާ މީހަކަށް ނުވާތީ ސެޕްޓެމްބަރު މަހު އެއްވެސް ބޮޑު ފިލްމެއް މިހާތަނަށް ރިލީޒް ކުރަން ހަމަޖެހިފައި ނުވާތީ އެ މަހަށް ފިލްމު ރިލީޒްކުރަން ނިންމީ އެވެ.

ފިލްމުގެ ފުރަތަމަ ފެނިލުން ބުދަ ދުވަހު ދައްކާލާފައިވާއިރު މި ޕޯސްޓަރުގައި އާލިއާ ފެންނަނީ ވަރަށް ބިރުކުޑަ އަންހެނެއްގެ ގޮތުގަ އާއި ވަރަށް މައުސޫމް އަންހެންކުއްޖެއްގެ ގޮތުގަ އެވެ. މި ޕޯސްޓަރަށް ވަރަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.

ބާންސާލީ ފިލްމީ ކެރިއަރު ފެށީ މީގެ 25 އަހަރު ކުރިން "ޚާމޯޝީ – ދަ މިއުޒިކަލް" އިންނެވެ. މި ފިލްމު 1996 ގައި ރިލީޒް ކުރިއިރު ފާއިތުވީ ދިގު މުއްދަތުގެ ތެރޭގައި ރިލީޒް ކޮށްފައި ވަނީ އޭނާ ޑައިރެކްޓްކުރި ނުވަ ފިލްމެވެ.

އެއީ 1999 ގައި ރިލީޒްކުރި "ހަމް ދިލް ދޭ ޗުކޭ ސަނަމް"، 2002 ގައި ރިލީޒްކުރި "ދޭވްދާސް"، 2005 ގައި ރިލީޒްކުރި "ބްލެކް"، 2007 ގައި ރިލީޒްކުރި "ސާވަރިޔާ"، 2010 ގައި ރިލީޒްކުރި "ގުޒާރިޝް"، 2013 ގައި ރިލީޒްކުރި "ރާމް-ލީލާ"، 2015 ގައި ރިލީޒްކުރި "ބާޖީރާއޯ މަސްތާނީ" އަދި 2018 ގައި ރިލީޒްކުރި "ޕަދްމާވަތު" އެވެ.

މީގެ ތެރެއިން "ޚާމޯޝީ" އާއި "ސާވަރިޔާ" ފިޔަވައި އެއްވެސް ފިލްމަކަށް ބޮޑު ނާކާމިޔާބީއެއް ކުރިމައްޗެއް ނުވެ އެވެ.